އަންނަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހު އެ ހިދުމަތް ފަށާއިރު ފުރަތަމަ ދެ ހަފުތާ ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި އާޒިމް ވިދާޅުވީ ހޯމަ ދުވަހު އެ ހިދުމަތް ފަށަން އެ ކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އަގުތަކާއި ބަސް ދަތުރުކުރާނެ ރޫޓްތައް މިހާރު ފައިނަލްކޮށްފައިވާ ކަމަށެވެ.

މިނީ ބަހުން ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން ހަތް ރުފިޔާ ނަގި ނަމަވެސް ސްކޫލް ކުދިންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން، މުސްކުޅިންނަށް ދަތުރުތައް ހިލޭ ކުރެވެއެވެ.

މިނީ ބަހުގެ ހިދުމަތް ފަތިހު 5:45 އިން ދަންވަރު 12:15 އަށް ކުރުމަށް ހަމަޖެހިފައިވާއިރު ކޮންމެ 10 މިނެޓަކުން ކޮންމެ ބަސް ސްޓޮޕަކަށް ބަހެއް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެެ. އަދި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ހާއްސަ ޖާގަތައް މިނީ ބަހުގައި ހިމެނެއެވެ.

މިނީ ބަސްތައް ދަތުރުކުރާނީ ދެ ރޫޓަކުންނެވެ. އެއީ:

  • ހެންވޭރު ސްޓޭޑިއަމުން ފެށިގެން ބީޗް ވޮލީ ކޯޓަށް
  • މާފަންނު ވެސްޓްޕާކުން އޯކިޑްމަގުގައި ހުންނަ ސަންފްރަންޓް ލައިޓް ޝޮޕަށް

މައިގަނޑު ގޮތެއްގައި މިނީ ބަސް ދަތުރުކުރާނީ މަޖީދީމަގާއި އަމީނީމަގުގައެވެ. އަދި އޯކިޑުމަގު ގައި ވެސް މިނީ ބަސް ދަތުރުކުރާނެއެވެ. އެހެންވެ، މަޖީދީމަގާއި އަމީނީމަގުގައި ޕާކްކުރުން މަނާކޮށް، ސިޓީ ކައުންސިލުން ދަނީ ޕާކިން ޒޯންތައް ގާއިމްކޮށް، މަގުމަތީގެ ނިޝާންތަކުގެ ކުލަ އާކޮށް، ޓްރެފިކް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 20 މީހުންގެ ޖާގައިގެ 18 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ އާދައިގެ 12 މިނީ ބަހާއި ހަ އީވީ މިނީ ބަހެވެ.

މާލޭގެ އިތުރުން، މިނީ ބަހުގެ ހިދުމަތް ދިނުމަސް ހަމަޖެހިފައިވަނީ ލ. ގަން، ފުނަދޫ، އިސްދޫ ކަލައިދޫގެ އިތުރުން އައްޑުއާއި ފުވައްމުލަކުގައެވެ.