ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ނިރޮޅު މަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:07 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގުމާ އެކު ސޯޝަލް މީޑިއާގައި ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގެ ވީޑިއޯއެއް އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ހުދުކުލައިގެ ޕްރައިވެޓް ކާރުގެ ފަހަތުގެ އެއްފަރާތު ލައިޓް ހަލާކުވެ އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ބަނޑިވެ ހަލާކުވެފައެވެ. ހަމައެއާއެކު އެ ކާރުގެ ފަހަތުން އެއްފަރާތުގެ ދޮރުވެސް ބަނޑިވެ އެ ދޮރުގެ ބިއްލޫރި ގަނޑާއި ފަހަތު ބިއްލޫރި ގަނޑުވެސް ވަނީ ތަޅައިގެން ގޮސްފައެވެ

މީގެ އިތުރުން އެމްޓީސީސީ ބަހަށް ވެސް ވަނީ ގެއްލުން ވެފައެވެ. ބަހުން އެ ކާރުގައި ޖެހުނު ސަރަހައްދުގެ ކަވަރު ގަނޑު ބަނޑިވެފައި ހުރިތަން ފެންނަން ހުއްޓެވެ.

މި ހާދިސާ ހިނގި އިރު ބަހުގައި ދަތުރުވެރިންގެ ގޮތުގައި ގިނަ ބަޔަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށެވެ.