ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މާދަމާއިން ފެށިގެން "ކިޔުއާރް ޓިކެޓިން" ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، އަލަށް ތަޢާރަފުކުރި ކިޔުއާރު ޓިކެޓާ އެކު ބަސް ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ކަސްޓަމަރުން ގޭގައި ތިބެގެންވެސް އާރްޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރު ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، ކިޔުއާރް ޓިކެޓިން ހިދުމަތް ފެށުނު ނަމަވެސް ބަސް ދަތުރު ކާޑު ގެންގުޅޭ މީހުންނަށް ދަތުރުކާޑު ބޭނުންކޮށްގެން އަދިވެސް ބަހުގައި ދަތުރުކުރެވޭނެ ކަމަށެވެ. އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯ އަދި ގޫގުލް ޕްލޭސްޓޯއިން ހިލޭ ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޓިކެޓް ނަގާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޓިކެޓް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ބަހުގައި ދަތުރުކުރުމަށް ޓިކެޓްގެ "ކިޔުއާރް" ކޯޑް ބަހަށް އެރުމަށްފަހު ސްކޭންކޮށްލައްވަން ވާނެ ކަމަށެވެ.

"ކިޔުއާރް ޓިކެޓިންގ" ގެ ހިދުމަތް ފެށިގެން ދިޔަނަމަވެސް، 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރުކުރެވޭނެ ކަމަށާއި އަދި ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ވެސް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.