ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ކަމަށާއި ހޮވިވަޑައިގަންނަވާނެ ކަމަށް އދ ގެ 67 ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަޕްރިންޓް އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، ރައީސް ސޯލިހުގެ ޒައާމަތުގައި "އައުޓްސްޓޭންޑިންގ" މަސައްކަތްތަކެއް ކުރައްވާފައި ވާ ކަމަށާއި އެކަން ރައްޔިތުންވެސް ބަލައިގަންނަ ކަމަށެވެ. އެހެން ކަމާއެކު ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށެވެ.

ޝާހިދު އެހެން ވިދާޅުވެފައި ވަނީ، އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް ވަޑައިގެން، އެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކާއި ބެހޭ ގޮތުން އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ މަޝްވަރާ ކުރައްވާ ދަތުރުގެ ހަވާސާގައި ދަ ޕްރިންޓަށް ދެއްވި އިންޓަވިއުގައެވެ.

އެ މައުޟޫގައި ޝާހިދު އިތުރު ވާހަކައެއް ނުދެއްކެވި ނަމަވެސް އިންޑިއާ އައުޓް މައްސަލަގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެއީ، އެއްވެސް އެޖެންޑާއެއް، ރައްޔިތުންނަށް ކޮށްދޭނެ ކަމެއް ނެތް އިދިކޮޅުގެ ބައެއް މީހުން ހިންގާ ކެމްޕެއިނެއް ކަމަށެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވާ އިރު، އޭނާ އިންޑިއާއަށް ކުރައްވާ ދަތުރުގެ ކުރިން، އިންޑިއާއަށް ވަޑައިގެންނެވި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ވަނީ މަޝްވަރާތަކެއް ކުރައްވާފައެވެ. އޭގެ ތަފްސީލު ހާމަ ނުކުރެއްވި ނަމަވެސް، އެ މަޝްވަރާރަކުގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖަޔާޝަންކަރުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. އޭގެ އިތުރުން، ރައީސް ނަޝީދުގެ އަރިސް، ރާއްޖޭގެ ބައެއް އެމްޕީންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނެއެވެ.

މީގެ އިތުރުން، އެ ދެބޭފުޅުން ވަނީ، ޖީއެމްއާރުގެ ޗެއާމަންގެ ދަރިއެއްގެ ކައިވެނި ހަލްފާގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ޝާހިދު ސޯލިހަށް ތާއީދު ކުރައްވާ މޭރުމަކުން އެވާހަކަ ވިދާޅުވި އިރު، ރައީސް ނަޝީދު ގެންދަވަނީ، އެމްޑީޕީ ޕްރައިމަރީއަށް ޝާހިދު ނެރުއްވަން ލޮބީ ކުރައްވަމުންނެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ދެން ކުރިމަތިލައްވަން ކަމު ނުދާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.