ދަރިވަރަކަށް ބަދުއަހްލާގީ ވީޑިއޯ ދެއްކި ޓީޗަރަށް އަނިޔާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގައި މީހަކަށް އަނިޔާކުރި މައްސަލާގެ ތުހުމަތުގައި 36 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ޓީޗަރަށް އަނިޔާކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ ކުށްކުށަށް އަރައިގަންނަ ފަރާތްތަކާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދެވޭނެ ގޮތްތައް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށާއި އިންސާފު ހޯދުމަށްކަމަށް ބުނެ ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ގަނޫނީ ފިޔަވަޅު އަޅާނެ ބުނެ އިންޒާރުދީފައި ވަނިކޮށެވެ.
އެ ޓީޗަރު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.