ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ހިންގާ އެންމެ ބިޔަ މަޝްރޫއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު އެއީ އެތައް ބައެއްގެ ހުވަފެންތައް ހަގީގަތަށް ވެގެންދާނެ ތިލަމާލެ ބޮޑު ބްރިޖެވެ. މާލެ ސަރަހައްދަށް ހެޔޮ އަދި އުމްރާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ މި މަޝްރޫއުއަށް ސަރުކާރާއި ރައްޔިތުންގެ އުންމީދުވެސް ބޮޑެވެ.

ސެެޕްޓެމްބަރު 2019 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ސޮއި ކުރި ތިލަމާލެ ބްރިޖް މަޝްރޫއު އަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން އެއްބަސްވެފައިވާ މަޝްރޫއުއެކެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖްގެ ރަސްމީ ތަނބު ޖެހުން އިންޑިއާގެ ދިއްލީގައި، މިދިޔަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އިފްތިތާހު ކުރި ނަމަވެސް ބްރިޖްގެ މަސައްކަތް ކުރިއަށް ދާ ގޮތާމެދު ގިނަބައެއްގެ ސުވާލުތައް އެބަހުއްޓެވެ.

ކޮޅުކޮޅަށް ޕްލެޓްފޯމްތައް ދުއްވުމާއި ފަރަށް އެރުމާއި، މާލެ ކޮޅުން ވޭމްކޯއިން ކުނި މެނޭޖް ކުރި ސަރަހައްދުގައި ހަދާ ދަނގަޑު ގިއުގަނޑު ނޫނީ މިހާތަނަށް އައި އިރު ލޮލަށް ފެންނާނެ އެހެން މަސައްކަތެއް އަދި ނެތް އިރު ކުރެވޭ އެއް ސުވާލަކީ ބްރިޖް ލޮލަށް ފެންނާނީ ކޮން އިރަކުންތޯއެވެ.

ތިލަމާލެ ބްރިޖް މަޝްރޫގެ މަސައްކަތަށް ވިލިމާލެ ކައިރީގައި އަޅާފައި އޮތް ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި / ފޮޓޯ: މުހައްމަދު އައިމަން

އެފްކޯންސްގެ ދިފާއުގައި ޕްލޭނިން މިނިސްޓްރީ

ބްރިޖް ސާވޭ ޕްލެޓްފޯމް ފަރަށް އެރުން ވީ އެ މަސައްކަތާ މެދު ދިވެހިންގެ ހިތްތަކުގައި އިތުރު ސުވާލުތަކެއް އުފެދިގެން ދިޔަ ކަމަކަށެވެ. ތަޖުރިބާއާއި ހުނަރުގެ ގޮތުން އެފްކޯންސް އަކީ ބްރިޖެއް އެޅޭވަރުގެ ކުންފުންޏަކަށް ވާއިރު، ޕެލްޓްފޯމްގެ ހަރަކާތްތަކަށް އެހީތެރިވާނެ ބާޖެއް ނުބާއްވާ، އެ މަސައްކަތް ކުރުމާއި ފަރަށް އެރިތާ 12 ދުވަސް ވީ އިރުވެސް އެ ނަގަން ނޭނގުމަކީ ޖަވާބު ހޯދަން ޖެހޭ ސުވާލުތަކެވެ.

މި މައްސަލައިގައި ޕްލޭނިން މިނިސްޓްރީގައި ހުންނަވާ، ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެފްކޮންސް އިން އެ ސަރަހައްދުގައި ޕްލެޓްފޯމް އެޅި ކަމަށާއި ނަމަވެސް އެއިން އެވެސް ފަހަރަކު މައްސަލައެއް ދިމާނުވެ މަސައްކަތް ކުރި ކަމަށެވެ.

ބްރިޖު ޕްލެތްފޯމް ފަރަށް އެރުމާ ގުޅިގެން ޕްރޮޖެކްޓް މެނޭޖަރަކަށް ކަނޑައަޅާފައިވާ މުހައްމަދު ޖިނާން ސައީދު މައުލޫމާތު ދެއްވަނީ / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އޭނާ އިތުރަށް ވިދާޅުވަނީ މިހާތަނަށްވެސް މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ބެލުންތައް ބަލަމުން، ސޭފްޓީ މެޝާސްތައް ނަގައިގެން ކަމަށާއި ވިލިމާލޭގެ އެ ސަރަހައްދުގައި ކުރިން މަސައްކަތް ކުރި ދެ ފަހަރު ވެސް ބޭނުން ކުރީ ހަމަ މި ވައްތަރުގެ ޕްލެޓްފޯމް ކަމަށެވެ.

މިއަށް ވުރެ މޫސުން ގޯސް އިރު ވެސް އެބަހުރި މި ސޭމް ޓައިޕް އޮފް ޕްލެޓްފޯމް ބޭނުންކޮށްގެން މަސައްކަތްކޮށްފައި. އެހެންވީމަ އަޅުގަނޑުމެންނަކަށް ނުދެންނެވޭނެ ކޮންޓްރެކްޓާގެ ފަރާތުން ރާއްޖޭގެ މާހައުލު ނުބަލަނީއޭ.
ޖިނާން

މި މައްސަލައާ ގުޅިގެން ޕްރޮޖެކްޓް މެނޭޖަރު، އިބްރާހިމް އަލީ ޖަލީލު ވިދާޅުވީ މި މަޝްރޫއުގެ ކޮންސަލްޓަންޓް އަރުޕް ކުންފުނިން ވެސް، މިފަދަ ކަމެއް ދެން ނުވާނެ ގޮތްތައް ބަލައި، އަޅަންވާ ފިޔަވަޅުތަކުގެ އިރުޝާދު ދެމުން ދާ ކަމަށެވެ. އަދި އެ އެއްޗެހި (ޕްލެޓްފޯމް) އެކޮޅަށް ގެންދިޔައީ މީގެ ކުރިންވެސް ޕްރެކްޓިސް ކުރި ގޮތަށް ކަމަށާއި ވޯކް ސައިޓުގައި އެގޮތަށް ފަންކްޝަން ކުރޭތޯ ބަލާ ހަދާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

ޕްލެޓްފޯމް ފަރަށް އެރުމުން ލިބުނު ގެއްލުން ބަލަން އީޕީއޭއިން މިއަދު މަސައްކަތް ފަށާފައި ވާއިރު، ފަރު މަރާމާތު ކުރުމަށް އެފްކޯންސްއިން ސިމެންތި ބޭނުން ކުރަން ހުށަހެޅި ވާހަކަވެސް އޮތީއެވެ. 12 ދުވަސް ވާންދެން ފަރުގައި ތަޅަތަޅާ އޮތް ޕްލެޓްފޯމް ނެގި އިރު ފަރުގެ އެކިތަންތަން ހަލާކުވެފައި ހުރި ތަން، އަންޑަވޯޓާ ކެރެރާ ބޭނުންކޮށްގެން ނަގާފައި ހުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަން ހުރި އިރު އެއީ އަގުމަގު ކުރީގައި ކިހާވަރެއްގެ ގެއްލުމެއްކަން އެނގޭނެއެވެ. ނަމަވެސް ދެން އުފައްދާން ޖެހޭ ސުވާލަކީ، މީގެ ކުރިން ބަރިޖްގެ މަސައްކަތް އަވަސް ކުރަންވެސް އިތުރު 26 މިލިއަން ޑޮލަރު ހޯދަން އެފްކޯންސް ހުށަހެޅި ގޮތަށް، ފަރަށް ލިބުނު ގެއްލުމަށް ވުރެ ބޮޑު ބަދަލެއް ހޯދަން އެކުންފުނިން ހުށަނާޅާނެ ތޯ ކުރަން ޖެހޭ ސުވާލެވެ.

ދަ ޕްރެސް" އަށް އެސަވާލަށް ޖަވާބު ދެއްވަމުން ޖިނާން ވިދާޅުވީ އިތުރަށް އެއްވެސް ވަރަކަށް ހަރަދުދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މިއީ ކިހިނެއް އަޅާ ބުރިޖެއް؟

ޖިނާން ވިދާޅުވި ގޮތުގައި މިވަގުތު ކުރަމުން ދަނީ ލޭންޑް ޕައިލްސްގެ މަސައްކަތެވެ. އަދި މިހާރުވެސް އާންމުންނަށް ބައެއް މަސައްކަތްތައް ފެންނާނެ ކަމަށާއި މޫދުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އަދި މާލެ ކޮޅުގައި ހުރި ތަނބުތަކުގެ ތެރެއިން އެއްތަނބުގެ ޕައިލިން މަސައްކަތް މިހާރު ނިމިފައި ވާ ކަމަށާއި ފުރަތަމަ ޖަހާނީ މާލެ ކޮޅު ތަނބެއް ކަމެއް ޖިނާން ވިދާޅުވެއެވެ.

ބްރިޖުގައި މިހާރު ޕްރޮގުރެސް ވެފައި ހުރި ކަންތައްތައް ހިއްސާކުރައްވަމުން ޖިނާނު ވިދާޅުވީ މޮބަލައިޒޭޝަނަށް ބޭނުންވާ އިކުއިޕްމަންޓް މިހާރު ވަނީ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މޫދުގައި ޖަހާ ތަނބުތަކުގެ މަސައްކަތްތައް ވެސް ފަށަން ތައްޔާރުވެފައި ހުރި ކަމަށާއި އަދި ޑިޒައިން ކަންތައް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިނާން ވިދާޅުވިގޮތުގައި، ބްރިޖު ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހަދާނީ ރާއްޖޭގައެވެ. މިގޮތުން މޯލްޑް ފަދަ ތަކެތި ހެދުމަށް ވެސް ހަމަޖެހިފައި ވަނީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުން

މި ބްރިޖުގެ މަސައްކަތް ކުރުމަށް ފިކްސްޑް (ހަރުކޮށްފައި ހުންނަ) ފްލެޓްފޯމާއި މޫވިން ޕްލެޓްފޯމެއް ގެންގުޅޭނެ ކަން ފާހަގަކުރައްވާ ޖިނާން ވިދާޅުވީ ތިލަ ތަންތަނުގައި ބޭނުން ކުރާނިީ ފިކްސްޑް ޕްލެޓްފޯމެއް ކަމަށާއި އަދި ފުން ހިސާބުތަކުގައި ބޭނުން ކުރާނީ މޫވިން ޕްލެޓްފޯމެއް ކަމަށެވެ.

ބްރިޖްގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ދާއިރު މާލެއިން ވިލިމާލެއަށް ދަތުރުކުރަން އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް މަހުގެ 15 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ޓްރެފިކަށް ހުޅުވާލާނެ ކަމަށް އެ މަސައްކަތް ކުރާ އެފްކޯންސް އިން ވަނީ ބުނެފައެވެ.

ބުރިޖް ދުވަހަށް ނިންމަން ސަރުކާރުން ޔަގީންކަން ދޭ

ބްރިޖް ނިންމޭނެ ކަމަށް ސަރުކާރުން މިހާތަނަށް ޔަގީންކަން ދެނީ، ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް ބްރިޖުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދާ ކަމަށް ބުނެއެވެ. މީގެ އިތުރުން މިޕްލެޓްފޯމް ވިލިމާލޭ ފަރަށް އުރި ލިބުނު ގެއްލުން ބަލާ ޖޫރިމަނާކުރާނެ ކަމުގެ ޔަގީންކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވައެވެ.

ނަމަވެސް އެއަށް ވުރެ ބޮޑު ޔަގީން ކަމެއް ބޭނުން ވަނީ، 6.695 ކިލޯ މީޓަރުގެ މި ދިގު ބްރިޖުގެ ފުރަތަމަ ފޭސްގައި ހިމެނޭ، ބްރިޖް ތާރީހަށް ނިންމުމަށެވެ. ބްރިޖްގެ ފޭސް 2 ގައި ހިމެނޭ މަސައްކަތާއި ފޭސް 3 ގެ މަސައްކަތް އަދި ކޯޒްވޭތައް ނުނިމުނަސް ކޮންމެވެސް އެއްޗެއް ފެނުން މަތިން ފެންނަން ވާނެތާއެވެ. މާލެއިން ހުޅުމާލެއަށް ދުއްވާލައިފައި އެއްގަމު މަގުން ދެވޭގޮތަށް ވިލިނގިއްޔާ ހިސާބަށް ދެވެންވާނެތާއެވެ.

މި ބްރިޖްކީ މާސިންގާ ދިގުވެފައި މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް ހަދާ މަޝްރޫއެއް ނަމަވެސް ރައްޔިތުންގެ ލޮލަށް އެއްޗެއް ފެންނާން ޖެހޭނެއެވެ.

އަންނަ އަހަރުގެ ބަޖެޓުން 469 މިލިއަން ރުފިޔާ އާއި އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީ އާ ބައްދަލު ހަރު މަސައްްކަތެއް ފެންނަން ވާނެއެވެ.

120 އަހަރަށް ދެމިގެން ދާނެ ކަމަށް ބުނާ ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ނަލަ ބުރިޖެކެވެ.