ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ފިއޯރީގައި ކޮމިއުނިޓީ ލައިބްރަރީއެއް ތަރައްގީކޮށްފިއެވެ.
އެ ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފިއޯރީގައި ހިންގަމުންދާ ޖަމިއްޔާ ފިއޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) ޖަމިއްޔާގެ ފަރާތުންނެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮޖެކްޓްގެ މަގްސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމާއި ރަށުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށް، ބޭރު ތެރޭގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެ ކޮމިއުނިޓީ ލައިބްރަރީ ތަރައްގީކޮށްފައިވަނީ ފިއޯރީ ކުޑަކުދިންގެ ޕާކުގެ ބައެއްގެ ގޮތުގައެވެ.
އެ ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ އެ ރަށުގައި އާއިލާތަކާއެކު އެއްވެ ގުޅުން ބަދަހިކުރުމަށް ވަކި ހާއްސަ މާހައުލެއް ނެތް ކަމަށާއި އުންމީދަކީ ރަށުގެ ރައްޔިތުން އެ ސަރަހައްދު ބޭނުންކުރުން ކަމަށެވެ. އަދި މިހާރު ޕާކަށް އަންނަ ކުދިންނަށް އާއިލާއާއެކު ގެއިން ބޭރުގައި ފޮތް ކިޔާލުމަށް ވަގުތު ހޭދަކުރެވޭނެ ކަމަށް ސުރުހާން ވިދާޅުވިއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.