ފޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުން އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ ޖޫން 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަަމަށް ކަސްޓަމަސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 526 ގްރާމް ހުރި ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާއަށް އަރާ ކަަމަށެވެ. އަދި އެމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއީ މިއަހަރު ތެރޭގައި މި ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ދެވަނަ ފަހަރު ކަމަށާއި ފުރަތަމަ ފަހަރު މިބާވަތުގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި މިދިޔަ މާރިޗް އެއް ވަނަ ދުވަހު ދުވަހު ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެގޮތުން އެފަހަރު 585 ގްރާމްގެ މެފެޑްރޯން ވަނީ އަތުލައިގެންފައެވެ.