ރާއްޖޭގެ ހދ އަތޮޅުން ފެށިގެން ފ އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެރެފިއެވެ.
އެ ސަރަހއްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 6:15 އިން ފެށިގެން ރޭގަނޑު 9:30 އާ ދެމެދަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ހދ. އަތޮޅުން ފެށިގެން ފ އަތޮލާ ދެމެދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށާއި މޫސުމަސް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މެޓް އޮފީހުން މިހެން ބުނެފައި ވާ އިރު، ފުލުހުން ވެސް ވަނީ މޫސުމަށް ސމާލުވުމަށް އެދިފައެވެ. ފުލުހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރާ ކަަމަށެވެ.
އެގޮތުން، ތިމާ އާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އޭގެ އިތުރުން އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި އުޅަނދުގައި ފުރިހަމަވެފައި ހުންނަން ޖެހޭ މުއާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ އާއި އެ ތަކެތި ހުރީ ބޭނުންކުރެވޭ ފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.