ފީނަން ގޮސް އުޅުނު 25 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ މިއަދު ފީނަށް ގޮސް އުޅެނިކޮށް އެ ހާދިސާ ހިނގައިގެން އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 4:20 ގައި ކަމަށާއި ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އިތުރު ޒަހަމްތަކެއް ފެންނަން ނެތް ކަމަށާއި އެއީ ކުއްލި މަރެއް ކަމަށެވެ.

ނިޔާވި ރ. އުނގޫފާރު އުމުރުން 25 އަހަރުގެ އަލީ މިމްރާހު އަކީ އެ ރަށު ހޮސްޕިޓަލްގެ ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ޒުވާނެކެވެ.

މިހާރު ރ. އަތޮޅުގައި ކުރިއަށްދާ އެމްޓީސީސީ ނޯތް ލީގް 2022 ގައި އިއްޔެ އަލިފުއްޓާ ދެކޮޅަށް އުނގޫފާރުން ކުޅުނު މެޗުގައި އޭނާ ކުޅެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.