ހައި ސްޕީޑް ފެރީ އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ށ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، އަތޮޅު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ށ. އަތޮޅަށް ފެށުމައްޓަކައި އިއްޔެ މާލެއިން 4 ފެރީ އެ އަތޮޅަށް ވަނީ ގޮސްފައެވެ. ރަސްމީކޮށް ފެރީގެ ހިދުމަތް ށ. އަތޮޅަށް ފަށާނީ މާދަމާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މިއާ އެކު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ރަށަކަށް ފެރީގެ ހިދުމަތް ލިބބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މާދަމާ ރަސްމީކޮށް ފެރީގެ ހިދުމަތް ށ. އަތޮޅަށް ފަށަން ނިންމާފައިވާ އިރު މާދަމާ އާ ހަމައަށް ކުރިއަށް ގެންދާނީ ޓްރައަލް ދަތުރު ތަކެއް ކަމަށާއި އެ ދަތުރުތައް ކުރާ އިރު އެއްވެސް މީހެއްގެ އަތުން ފީއެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ށ. އަތޮޅުގެ ދަތުރުތަކާއެކު ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއެކު ތިން އަތޮޅުގެ ހުރިހާ ރަށެއް ޓްރާންސްޕޯޓް ލިންކް މެދުވެރިކޮށް ގުޅާލެވުނީއެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ފުރަތަމަ ޒޯންގެ ދަތުރުތަކުގެ މަސައްކަތް މިހާރު ނިމިފައި ވާއިރު އެމްޓީސީސީން އަންނަނީ ޒޯން ދޭ އަދި ތިނެއްގައި ހިމެނޭ ރަށްތައް ގުޅާލުމަށް ބޭނުންވާ ފެރީތައް ބަނުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ އާރްޓީއެލްގެ ފެރީތައް ހިތްގައިމު ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.