ސަރުކާރުގެ މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދޭނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މ. ވޭވަށު ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ރާއްޖޭގެ 115 ރަށެއްގައި ހިނގަމުންދާކަން ފާހަގަކުރައްވާ އޭގެ ތެރެއިން 38 ރަށެއް ގެ މަސައްކަތް ނިމި އިތުރު ރަށްރަށުގެ މަސައްކަތްތައް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޭވަށަކީ މަސްގަނެ މަސްކައްކާ ވިއްކުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ރަށެއް ނަމަވެސް މިހާތަނަށް އައިއިރު އެ މަސައްކަތަށް ފަހިވާގޮތަށް ބަނދަރެއް ހެދިފައި ނެތްކަން ރައީސް ވިދާޅުވިެއެވެ.

ރައީސް ވިދާޅުވީ އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހިރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ގާއިމްމުކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.

ވޭވަށުގައި މިހާރު ކުރިޔަށްދާ ތަރައްގީގެ މުހިންމު ބައެއް މަޝްރޫއުތައް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެނާއި ނަރުދަމާގެ ހިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުގެ ޕްލޭނާއެކު ކުރިޔަށްގެންދަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވޭތުވެދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްގީއަށް ހަރަދުކުރީ ގާތްގަޑަކަށް 2 މިލިއަން ރުފިޔާކަން ފާހަގަކުރައްވާ ވިދާޅުވީ މި ސަރުކާރުން މި ފާއިތުވި 4 އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްގީގެ މަޝްރޫއުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް އަދި ވަކި ވިސްނުމެއްގެ ބަޔަކު ބާކީ ނުކޮށް ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު ވޭވަށުގައި ބެއްވި މި ރަސްމިއްޔާތުގައި ވޭވަށު ބަނދަރު ކައުންސިލާއި ހަވާލުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި މަޝްރޫއުގެ ދަށުން، 875,15 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 294 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން އަދި 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހާފައެވެ.

މީގެ އިތުރުން، ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫޢަކީ 46.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.