މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރު އައިއިރު ރައްޔިތުން ބޭނުންވާ އެތައް ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިއްގަރުގެ ތަރައްގީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެންބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ކަމަށެވެ.
އަދި އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި މިކުރި މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށާއި ކުރިޔަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށާއި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިންބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ.
ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިދެ މަޝްރޫއުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.