މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ، މި ރަސްމިއްޔާތުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމުގެ ގޮތުން، ތްރީ-ޑީ މޮޑެލްއެއް ދިއްގަރު ކައުންސިލްއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މ. ދިއްގަރުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް ފައްޔާޒު އިސްމާއިލާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއާއި އެމްޓީސީސީގެއިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިއްގަރަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށުމާއެކު ހަޅައިގެ އުނދަގޫ ދިމާވާ ރަށެއް ކަމަށާއި އިރުވައިގެ ހަޅަޖަހަންފެށުމާއެކު ދިއްގަރުގެ ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ، ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފަކަށް އެކަން ވެގެންދާ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ،. އަދި ހަޅަނިމޭއިރު އޮންނަނީ ރަށުގެ ގޮނޑުދޮށުން ބޮޑުބައެއް ގިރައިގެން ގޮސްފައި ކަމަށް އެމްޓީސީސީން ބުނެއެވެ،

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫސު ނިމިފައިވާއިރު، ދިއްގަރަށް ދިމާވެފައިވާ ރާޅުއެރުމުގެ މައްސަލައަށް ވަނީ ހައްލު ލިބިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 566,109ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، 532 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 60.235 މީޓަރުގެ ސަރަޙައްދެއްގައިބޭރުތޮށި ލުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.