"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް ސާވޭކުރަން ދެކޮޅަށް ދުއްވާ ޕްލެޓްފޯމް ފަރަށް އެރިތާ 12 ދުވަސް ފަހުން ޕްލެޓްފޯމް މިއަދު މެންދުރު ނަގައިފިއެވެ.

އެ ޕްލެޓްފޯމް މި މަހުގެ 16 ވަނަ ދުވަހު ފަރަށް އަރާފައިވާއިރު މީގެކުރިން އެފްކޯންސްއިން އެ ޕްލެޓްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. އެހެންނަމަވެސް ބުރާސްފަތި ދުވަހު އެ ކުންފުނިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަން ޖެހުނީ ކަމަށެވެ.

ޕްލެޓްފޯމް ނެގުން ލަސްވެގެން އެ މައްސަލަ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ މަޖިލީހަށްވެސް ހުށައަޅާފައެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް އެތަނުން ނަގާފައި/ފޮޓޯ: ދަ ޕްރެސް

އެ ޕްލެޓްފޯމް ނުނަގާ ގިނަ ދުވަސް ވާތީ ގިނަ ބައެއްގެ ޝަކުވާކުރިއެވެ. އަދި ޕްލެޓްފޯމް ފަރަށް އެރިތާ 7 ދުވަސް ފަހުން އެ މައްސަލައިގައި މައުލޫމާތު ދިނުމަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިން މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ޕްލެޓްފޯމް ނަގާނެ ކަމަށެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.

ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލާ ޖޫރިމަނާކުރާނެ ކަަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވިއެވެ.