ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ (މުސްތޮ) ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓުވީޓު ޑިލީޓު ކުރައްވާ، އެހެން ވިދާޅުވީ މަޖާޒީ ގޮތަކަށް ކަމަށް ވިދާޅުވެއްޖެއެވެ.
މުސްތޮ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ފަހަރު މިއޮތީ "އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފައި" ކަމަށެވެ.
މުސްތޮ ކުރެއްވި ޓުވީޓާއެކު ޕީޕީއެމްގެ ސެނެޓްގެ ވަޓްސެޕް ގްރޫޕް ތެރޭގައި އެމައްސަލަ ހޫނުވެ އެ މައްސަލާގައި ވަނީ ޒުވާބު ކޮށްފައެވެ. އަދި ވަޓްސެޕް ގްރޫޕްގެ ތެރޭ ދެއްކި ވާހަކަތަކުގެ ސްކްރީން ޝޮޓުތަކެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ޕީޕީއެމް-ޕީއެންސީގެ ވަޓްސްއެޕް ގްރޫޕްގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދާއިރު އަދުރޭގެ ދަރި އިބްރާހިމް ފައިސަލް އެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ މުސްތަފާ މީހުން ލައްވާ ގުޅުވައިގެން އިންޒާރު ދިނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
އެ މެސެޖާއި ގުޅިގެން އަދުރޭ ވިދާޅުވީ ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މި ދުވަސް ވެސް ހިނގައިދާނެ ކަމަށެވެ.
މީގެ އިތުރުން މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަމަށާއި މަކަރުވެރިންނާއި ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް އަންނާނެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
މިމައްސަލަ ހޫނުވެ، މުސްތޮ ކުރެއްވި ޓުވީޓް ޑިލީޓް ކުރައްވާ، ފަހުން ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ 'ޓިނު އަދުރޭ' އޭ ވިދާޅުވީ ސާކާސްޓިކް ނުވަތަ މަޖާޒީ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.
"ޕާޓީގައި ރެނދެއް ނުޅާ! ޕާޓީ އޮތީ ބަދަހިކޮށް! އަދިވެސް ދިމާވާނީ އަދުރޭގެ ހިސާބު،" މުސްތޮ ވިދާޅުވިއެވެ.