ބ. ކެންދޫ ގޮނޑުދޮށް ހޮމާޔަތްކުރުމުގެ މަޝްރޫގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 ޕަސަންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ކެންދޫ ގޮނޑުދޮށް ހޮމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމުން ބުނީ، ކެމި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 ޕަސަންޓު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކުރުމާއި ޖުމްލަ 90 މީޓަރުގެ ދެ ގްރޮއިން ގާއިމުކުރާނެ ކަމަށާއި 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ހިމެނެއެވެ.

މީގެ އިތުރުން 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުން ވެސް މިމަޝްރޫއުގެ ދަށުން ހިމެނެއެވެ

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ އަގަކީ 39.99 މިލިއަން ރުފިޔާ އެވެ.