އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭސިކް ޑައިވިން ކޯހުގެ 10 އަހަރުގެ ތާރީހުގައި އެންމެ މޮޅު ޑައިވަރުގެ އެވޯޑް ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގެ އަސްކަރިއްޔާއެއްގެ ދަރިވަރަކު ހޯދައިފިއެވެ.

މިދިޔަ މޭ 25 އިން ފެށިގެން ކުރިއަށް ގެންދިޔަ ބޭސިކް ޑައިވިން ކޯހުގެ ނިމުން ފާހަގަކޮށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ކޯހުން ވަނަ ހާސިލްކޮށް، ފާސްވި ދަރިވަރުންނަށް އިނާމާއި ޑައިވާސް ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މިދިޔަ މޭ 25 އިން ފެށިގެން ކުރިއަށް ގެންދިޔަ ބޭސިކް ޑައިވިން ކޯހުގެ "ފަސްޓް އިން މެރިޓް" އެވޯޑު ލާންސް ކޯޕްރަލް އަބްދުﷲ މަޖީދު ހޯދާފައިވާއިރު، އެންމެ މޮޅު ޑައިވަރު އަދި "ބެސްޓް ފޮރިން ޑައިވަރު" އެވޯޑު ހާސިލްކުރީ މެލޭޝިއާ ނޭވީގެ ލީޑިން ރޭޓް ޑައިވަރު މުޙައްމަދު ޚައިރުލް ރެޒާ ބިން ހަކެމީއެވެ. މިއީ މި ކޯހުގެ 10 އަހަރުގެ ތާރީހުގައިި ބޭރުގެ ދަރިވަރަކަށް އެންމެ މޮޅު ޑައިވަރުގެ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

އަދި ކޯހުގެ އެންމެ ފިޓު ޑައިވަރަކަށް ހޮވާފައިވަނީ ލާންސް ކޯޕްރަލް އިބްރާހީމް މުނާޒެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި، ސިފައިންގެ ތަމްރީނާއި ތައުލީމީ ނިޒާމަށް ގެންނަން ފެށި ބަދަލުތަކުގެ ސަބަބުން ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

ޝަމާލް ވިދާޅުވި ގޮތުގައި، އެ ކުރިއެރުންތަކާއެކު ސިފައިން ތަމްރީނުކުރުމަށްޓަކައި އެމްއެންޑީއެފުން ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތަކާއި ކޯސްތައް މިއަދު ހިންގަމުން ގެންދާއިރު، އެ ޕްރޮގްރާމްތަކުގެ ތެރެއިން ކޯސްޓްގާޑުގެ ބޭސިކް ޑައިވިން ކޯސް ތަފާތު ވަނީ ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވާ ހަމައެކަނި ޕްރޮގްރާމަށް އެ ކޯސް ވެގެންދާތީއެވެ.

އެމްއެންޑީއެފުން ބުނީ 10 ވަނަ ބޭސިކް ޑައިވިން ކޯހުގައި 15 ދަރިވަރުން ބައިވެރިވެ، 12 ދަރިވަރަކު ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑައިވަރަކަށް ހޮވުނު މެލޭޝިއާގެ މުހައްމަދު ޚައިރުލް ރެޒާގެ އިތުރުން، އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ދަރިވަރުން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ބޭސިކް ޑައިވިން ކޯހަކީ ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ފަހު އެމްއެންޑީއެފާ އަލަށް ގުޅޭ ސިފައިންނާއި މިހާރު ވަޒީފާ އަދާކުރަމުންދާ ސިފައިންގެ ތެރެއިން ޑައިވިންގެ މަސައްކަތަށް ހާއްސަ ތަމްރީނެއް ލިބިފައި ނުވާ ސިފައިންނަށް އަމާޒުކޮށްގެން ޑައިވިންގެ އަސާސީ އިލްމާއި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ.