ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ގެނުވައިދިން އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު އުރީދޫ ފަން ރަން އިއުލާންކޮށްފިއެވެ.
މި އަންނަ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން އިއުލާންކޮށްފައިވަނީ މީސް މީޑިއާގައި އުރީދޫއިން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުރީދޫ ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު އުރީދޫގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި އިވެންޓްތައްވެސް ދަނީ އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން މިއަދުގެ މުޖުތަމައުގައި އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް އުރީދޫ ފަން ރަން އިއުލާންކޮށް ރީލޯންޗްކުރުމަކީ ލިބޭ އުފަލެއްގެ ގޮތުގައި ހާލިދު ފާހަގަކުރެއްވިއެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކަމަށާއި ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫއިން ބުނީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ އެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓަކަށް ވާނެ ކަމަށެވެ.
އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ދުވެފަ ނޫނީ ނަށަމުންވެސް އެ ދުވުން ނިންމިދާނެ ކަަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން އިތުރަށް ބުނީ ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ މީހުންނަށް އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް އުރީދޫއިން ދައުވަތުދޭ ކަމަށެވެ.