ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު މަބްރޫކް އަޒީޒް ކޮށްދެއްވި މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް އޮފީހަށް، ވަކިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މަބްރޫކު ކޮށްދެއްވި އަގު ނުކުރެވޭ ވަރުގެ އިހުލާސްތެރި މަސައްކަތަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މަބްރޫކްގެ ހަޔާތުގައި ތިޔަ ފެއްޓެވި އާ ބާބަށް، އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބީއާއި އުފާވެރިކަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް މިހެން ވިދާޅުވެފައި ވާއިރު މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ގައުމަށް އެންމެ މުހިއްމު ދަނޑިވަޅުގައި އޭނާއަށް އިތުބާރުކުރައްވާ ހިދުމަތްކޮށްދެއްވަން ރައީސް ސޯލިހް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ތަރުޖަމާނެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކުގައި ނޫސްވެރިން އޭނާއަށް ދިން އެއްބާރުލުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މަބްރޫކު ވަނީ އަލަށް މަގާމާ ހަވާލުވެވަޑައިގަތް މިއުވާން މުހައްމަދަށް މަރުހަބާ ވިދާޅުވެ، މިއުވާން، އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ މަބްރޫކް ވަނީ އޭނާގެ ޓީމަށާއި، އާއިލާއާއި ރައްޓެހިން އަދި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މަބްރޫކް، ގިނަ ބައެއްގެ ތެރޭގައި މަގްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުގައި ހުންނަވާ އޭރުދެއްވި ޕްރެސްތަކުންނެވެ.