ރ.އުނގޫފާރު އަދި މ.މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 343.03 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 539.9 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖަހައި ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުއަކީ 38.9 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ އާއި 110 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކޮށް ގިރާ ސަރަހައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދި ކުރުން ހިމެނެއެވެ.

އެ މަޝްރޫއުއަކީ 11.11 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.