ހޯމް މިނިސްޓްރީން 91 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް)އާ ހަވާލުކޮށް ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމުކުރި ރިޕޯޓުގައިވާ ގޮތުން ކ. ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް އިމާރާތްކުރުމުގެ މަސައްކަތާއި، ކ. މާފުށީ ޖަލުގައި 50 ގޮޅި އިމާރާތްކުރުމުގެ މަސައްކަތް 91 މިލިއަން ރުފިޔާއަށް ހޯމް މިނިސްޓްރީން ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް)އާ ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލައެވެ.

މި މަސައްކަތް ބިޑު ކުރުމަކާ ނުލައި ޕޮލްވެކާ ހަވާލުކުރީ އަވަހަށް ނިންމަންޖެހޭ މަސައްކަތަކަށް ވާތީއާއި، މަސައްކަތް ކުރަންޖެހޭ ސަރަހަށްދަށް ބަލާއިރު އާންމު އުސޫލުން ބިޑުކޮށްގެން ހޮވޭ އާންމު ފަރާތަކަށް އެ މަސައްކަތް ހަވާލުކުރުމަކީ ކުރުން ރައްކާތެރިކަމެއް ކަމަށް ނުވާތީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯމް މިނިސްޓްރީ އަށް ފިނޭންސް މިނިސްޓްރީން ދިން ނަމަވެސް ޕޮލްވެކުން އެ ދެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ސަބްކޮންޓްރެކްޓް ކޮންގެން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޕޮލްވެކާ ސަބްކޮންޓްރެކްޓަރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި، ސަލާމަތީ ސަބަބުތަކަށްޓަކައި ވަކިކަމެއް ވަކި ގޮތަކަށް ކުރުން ލާޒިމްކޮށްފައި ނުވާކަން ވެސް އޮޑިޓު ރިޕޯޓޫގައި ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައި ވާގޮތުން މި މަސައްކަތްތައް ޕޮލްވެކުން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވުމުން، މިކަން ނެޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅާ ޕޮލްވެކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިއުމަށް ނިންމި ސަބަބާ ތައާރުޒުވެއެވެ.

އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ، ހޯމް މިނިސްޓްރީ އާއި ޕޮލްވެކާ ދެމެދު އެއްބަސްވި އަގަށްވުރެ 2.2 މިލިއަން ރުފިޔާގެ ކުޑަ އަގެއްގައި ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓުން ދައްކާގޮތުގައި ޕޮލްވެކާ މަޝްރޫއު ހިންގަން ހަވާލު ކުރުމުން ދައުލަތަށް ދެ މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި ޕޮލްވެކަށް ބޮޑު ފައިދާއެއް ލިބުނު އެ ޕްރޮޖެކްޓުގެ މުޅި މަސައްކަތް ކުރިއަށް ގެންދިއުމުގައި ޕޮލްވެކްގެ އެއްވެސް މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ނެތެވެ.