ފްލޮރިޑާގައި ހުންނަ ހުންނަ ޑޮނާންޑް ޓްރަމްޕްގެ އަމިއްލަ ގެކޮޅު ކަމުގަވާ މާރް-އާ-ލާގޯ އަށް އެފްބީއައިން ވެދެ, ބަލާއި ފާސްކޮށް ގެންދިޔަ ފައިލްތަކުގެ މައްސާލާގައި ޓްރަމްޕް ދައުވާ ކުރައްވައިފިއެވެ.
ޓްރަމްޕް އެދިވަޑައިގަންނަވަނީ ޖިނާއީ ތަހުގީގުގައި, އެއެ ގެއިން އެއްކުރި ހެކިތައް ރިވިއު ކުރަން ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ވަކީލަކު އައްޔަން ކުރުމަށާއި ރިވިއު ނިމެންދެން ފެޑެރަލް އިންވެސްޓިގޭޓަރުން ހެކިތަކާ ގުޅޭ މަސައްކަތްތައް މަޑުޖައްސާލުމަށެވެ. މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ދުސްތޫރީ ހައްގުތަކާ އެފްބީއައި އިން ހިލާފުވެފައި ވާ ކަމަށާއި އޭނާއަށް އިމްތިޔާޒު ލިބިވަޑައިގެންފައިވާ ތަކެތި ވެސް ގެންގޮސްފައި ހުރެދާނެ ކަމަށެވެ.
ޓްރަމްގެ ގެކޮޅު ބަލާއި ފާސްކޮށްފައި ވަނީ ރިޔާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެ ގެކޮޅަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އިރު, ރިޔާސީ ގަނަޑުވަރުން ގެންދެވި ތަކެތީގެ ތެރޭގައި ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކެއް ހިމެނޭ ކަމުގެ ތުހުމަތުގައެވެ. އެފްބީއައި އިން ޓްރަމްޕްގެ ގެކޮޅުން 11 ސެޓްގެ ސިއްރު ލިޔެކިޔުން ނަގާފައިވާ ކަމަށް ބުނެއެވެ. އަދި ޓްރަމްޕްގެ ގެކޮޅާއި އޮފީހާއި ފޯނުން ސިއްރު ނިޝާންތައް ޖަހާފައިވާ 300 އަށް ވުރެ ގިނަ ސިއްރު ލިޔެކިޔުން ފެނިފައި ވާކަމަށް ވެސް ހަބަރުތައް ބުނެއެވެ. ހޯދި ބައެއް ތަކެއްޗަކީ "ޓޮޕް ސީކްރެޓް/އެސްސީއައި" ގެ ގޮތުގައި ފާހަގަކޮށްފައި ވާއިރު، މިއީ ކްލަސިފިކޭޝަންގެ އެންމެ މަތީ ފަންތިއެވެ. ނަމަވެސް އޭގައި ހުރީ ކޮންކޮން ލިޔުންތަކެއްކަން އަދި މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.
އެމެރިކާގެ ގާނޫނުގައި ބަޔަންކޮށްފަވާ ގޮތުން, އެގަމުގެ ކޮންމެ ރައީސަކު ވެސް ވެރިކަމުގެ ދައުރު ނިމުމާއެކު، އެމީހަކު ވެރިކަމުގައި ބޭނުންކުރެއްވި ހުރިހާ ލިޔެކިޔުންތައް, އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހެއެވެ. އަދި ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ރަސްމީ ލިޔުމެއް، ގާނޫނުގައި ބުނެފައިވާ ތަނެއް ނޫން ތަނަކަށް ގެންދިއުމަކީ ގާނޫނީ ކުށެކެވެ.
ޓްރަމްޕްވަނީ އޭނާގެ ގެކޮޅުން އެފްބީއައިގެ އޭޖެންޓުން ގެންދިޔަ ލިޔުންތަކުގެ ފުރިހަމަ ތަފްސީލު ލިސްޓެއް ހޯދުމަށް ވެސް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެ ޑިޕާޓްމަންޓުން މިހާރު ވަނީ އަތުލައިގަތް ތަކެތި މުރާޖައާ ކުރުމަށް، ޕްރިވެލޭޖެ ކްލޭމް ކުރެވިދާނެ ތަކެތި ވަކި ކުރުމަށް އެތެރޭގެ ފިލްޓަރު ޓީމެއް ބޭނުން ކުރަމުންދާ ކަމަށް ބުނެ މުއްދަތު ހަމަވެފައިވާ ދެ ޕާސްޕޯޓާއި އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ފަދަ ބައެއް އަމިއްލަ ލިޔެކިޔުންތައް ޓްރަމްޕަށް އަނބުރާ ހަވާލު ކޮށްފައެވެ.
މީގެ އިތުރުން ޓްރަމްޕާއި އޭނާގެ ގާނޫނީ ޓީމުން ތުހުމަތު ކޮށްފައި ވަނީ އެމެރިކާގެ ސަރުކާރުން ޓްރަމްޕްގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަށް އަޅުވައި ކުރިއަތް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތް ނާކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ.