ގއ.ހޯނޑެއްދޫން ދޫކޮށްފައިވާ ބިމުގައި ފެކްޓްރީއެއް އަޅައި، މަސްގަތުމުގެ މަސައްކަތް ނުފަށާ އޮތީ އެކަމުން ފައިދާއެއް ނުވާނެތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ފިރުޝާން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒް ކުންފުނިން 2005 ވަނަ އަހަރު ހޯޑެއްދޫގައި ހަދަން ފެށި މަސް ފެކްޓަރީ އޮޕަރޭޝަނަށް ނުގެނެވެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބުދެއްވަމުން ޑރ. ހުސައިން ވިދާޅުވީ އެ ކަން ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމަށް ގިނަ ވެގެން ހަރަދު ކުރަން ޖެހެނީ 5-6 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިދާ ނުވާ ވިޔަފާރިއެއް އެ މީހުން ލައްވާ ކުރުވާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު އެ ކުންފުނީގެ މީހުންނާ ވާހަކަ ދެއްކީމާ އެ ބޭފުޅުން ވިދާޅުވަނީ 5-6 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތިމަންނަމެން އެ ތަނުގެ މަސައްކަތް ނިންމި ނަމަވެސް މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމަކަށް ނުވެއޭ،
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން

މިނިސްޓަރު ވަނީ އެ ކުންފުންޏަށް އެންމެ ދަށްކޮށް މަސް ގަނެވޭނެ ފްލޯ ޕްރައިސްއަކީ 13 ރުފިޔާ ކަމަށާއި ނަމަވެސް ސަރުކާރު ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން 17 ރުފިޔާ އަށް މަސް ގަންނަ ކަމަށް ވިދާޅުވެފައެވެ.

ހޯޑެއްދޫގައި ފެކްޓްރީ އަޅައި 17 ރުފިޔާއަށް ކިލޯއެއްގެ މަގުން މަސް ގަނެގެން ފައިދާވާނެ ކަމަށް ހޮރައިޒަން އަށް ނުފެންނަ ކަމަށާއި ހޯޑެއްދޫގައި ފެކްޓްރީ ނާޅާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.