ބީއެމްއެލްއިން 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ބުނީ، މި 100 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެން ނިންމާފައިވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅުވައިގެން ކަމަށެވެ.

މި އެހީތެރިކަން ފޯރުކޮށްދެނީ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއެކު ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ ޕެކޭޖް ފޮނުވާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން 2021 ވަނަ އަހަރު ވެސް އާއިލާތަކަށް ރޯދަ މަހު އެހީތެރިވުމަށް އާކް އަށް ވަނީ 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.