ކޮންޓެއިނަރު އުފުލާ ބޯޓެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ، އައްޑޫ އަތޮޅާ 436 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްއެސްސީ ރަވެނާ" ނަމަކަށް ކިޔާ ކޮންޓެއިނަރު ޝިޕެއްގައި ހުރި އުމުރުން 26 އަހަރުގެ ފިލިޕީންސް ފަޅުވެރިއެއްގެ ސިއްހީ ހާލުދެރަވެގެން އުޅޭކަމުގެ މައުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވާ ކަމަށެވެ.

މި މައުލޫމާތު ލިބިފައިވަނީ އިއްޔެގެ 15:13 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ކޮންޓެއިނަރު ޝިޕު އައްޑޫ އަތޮޅާ 4 ނޯޓިކަލް މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސީ އެމްބިއުލާންސް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންޓެއިނަރު ޝިޕު އޮތް ސަރަހައްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ކޮންޓެއިނަރު ޝިޕުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު 17:05 ހާއިރު ގެންގޮސްދީފައިވާ ކަމަށެވެ.