ހުޅަނގު އިންޑިއާގެ ސްޓޭޓް ގުޖުރާތުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ގޭންގު ރޭޕްކޮށް އާއިލާގެ 14 މީހަކު ހިންދޫ ޖަމާއަތަކުން މަރާލިތަން ފެނުނު ބަލްގިސް ބާނޯ އަނެއްކާވެސް ހަބަރުތަކުގެ ސުރުހީތަކަށް އަރައިފިއެވެ.

އެ މައްސަލައިގައި, ރޭޕް އާއި މަރުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް އޭރު ހުކުމް ކޮށްފައިވާ 11 މީހަކު މިދިޔަ ހޯމަ ދުވަހު ވަނީ ޖަލުން މިނިވަން ވެފައެވެ.

އެމީހުން މިނިވަން ވުމާއެކު، އެމީހުންނަށް މަރުހަބާ ކިޔުމަށް އެމީހުންގެ އާއިލާތަކުން ގެދޮރު ޒީނަތްތެރިކޮށް ހަދައި ޖަލުން ނެރުނު ވަގުތު ޖަލު ކައިރިއަށް ގޮސް އުފާފާޅު ކޮށް ހީ ހަދާ މަންޒަރުތައް ވައިރަލް ވެފައި ވާއިރު އިންޑިއާގެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެކަމާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބަލްގިސް ބާނޯ ވަނީ އެ މީހުން މިނިވަން ކުރުމަށް ނިންމި ނިންމުން އެއީ "ބޭއިންސާފު" ނިންމުމެއް ކަމަށާއީ، އެކަމުގެ ސަބަބުން އިންސާފަށް އޮތް އިތުބާރު ފުނޑުފުނޑު ވެއްޖެ ކަމަށް ބުނެފައެވެ.

''އަހަރެންގެ އާއިލާއާއި މުޅި ދިރިއުޅުން ފަނާކޮށްލި ކުށްވެރިން މިނިވަންކަމާއެކު ދިރިއުޅެން ދޫކޮށްލި ވާހަކަ އިވުމުން އަހަރެން މިހިރީ އަނގައިން ބަސް ހުސްވެފަ. އަހަރެން އަދިވެސް މިހިރީ ޝޮކެއްގަ''
ބާނޯ

އަދި މިބީދާއިން ކަންތައްތަށް ދާނަމަ އޭނާ ފަދަ އަންހެނުންނަށް އިންސާފު ލިބޭނީ ކިހިނެތްތޯ އަހާ ސުވާލުކުރަމުން އޭނާ ބުނެފައި ވަނީ, އޭނާގެ އަމިއްލަ ވަޒަން (އިންޑިއާގެ) އެންމެ މަތީ ކޯޓުތަކަށް ކުރިން އޭނާ ކުރި އިތުބާރު ގެއްލިއްޖެ ކަމަށާއި އޭނާއަށް ލިބިފައިވާ ނުތަނަވަސް ކަމާ އެކު އުޅެމުން ދިޔައީ ގައުމުގެ ނިޒާމަށް އިތުބާރު ބާައްވައިގެން ކަމަށެވެ. ނަމަވެސް އެ ކުށްވެރިން ދޫކޮށްލުމުން އިންސާފަށް އޮތް އިތުބާރު ގެއްލުނު އިރު ބިރެއްނެތި ހަމަޖެހޭ ދިރިއުޅުމެއް އުޅުމުގެ ހައްގު އޭނާއަށް މުޅިން ގެއްލިއްޖެ ކަމަށެވެ.

އެ ކުށްވެރިން މިނިވަން ކުރި އިރު މިދިޔަ ހޯމަ ދުވަހަކީ އިންޑިއާގެ މިނިވަންކަމަށް 75 އަހަރު ފުރުން އިންޑިއާގެ ރަށްވެހިން މުޅި ދުނިޔޭގައި ފާހަގަ ކުރި ދުވަހެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނިގޮތުގައި ސަރުކާރުން އެމީހުންނަށް މައާފު ދިނީ، އެ މީހުން 14 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޖަލުގައި ހޭދަކޮށްފައި ވާތީ އާއި އަދި އެމީހުންގެ އުމުރާއި ސުލޫކު ފަދަ އެހެން ކަންތައްތަކަށް ބެލުމަށް ފަހުއެވެ.

އިދިކޮޅު ޕާޓީތަކާއި އެކްޓިވިސްޓުންނާއި ބައެއް ނޫސްވެރިންގެ ފާޑުކިޔުންތައް އެ މައްސަލައަށް އަމާޒުވެފައިވާ ވާއިރު, އެއީ އަހުލާގީ ގޮތުން ގޯސް ކަމެއް ކަމަށާއި އިންޑިއާގެ މައިނޯރިޓީ މުސްލިމުންނާ މެދު ތަފާތުކުރުން ކަމަށް އެފަރާތްތަކުން ބުނެއެވެ. އިންޑިއާގެ ގުޖުރާތަކީ މިހާރު ވެރިކަމުގައި އޮތް ބީޖޭޕީގެ ބާރު ގަދަ މުސްލިމުންނަށް އަނިޔާވެރި ސްޓޭޓަކަށް ވާއިރު އެއީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗީފް މިނިސްޓަރަކަށް ކުރެއްވި ސިޓީއެވެ. ބާނޯ ރޭޕް ކޮށް މުޅި އާއިލާގެ ދުވަސް ދުއްވާލި އިރުވެސް ޗީފް މިނިސްޓަރަކަށް ހުންނެވީ މޯދީއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ 11 މީހުން ދޫކޮށްލުމަކީ ފެޑެރަލް ސަރުކާރުންނާއި ގުޖުރާތު ސްޓޭޓް ސަރުކާރުން ނެރެފައިވާ ގައިޑްލައިންތަކާ ހިލާފު ކަމެކެވެ. އެ ދެ ގައިޑްލައިންގައި ވެސް ބުނެފައި ވަނީ ރޭޕް ކުރުމާއި މަރުގެ ކުށް ސާބިތުވެފައިވާ މީހުންނަށް މާފު ނުދެވޭނެ ކަމަށެވެ. މިފަދަ ޖަރީމާތަކުގައި އުމުރު ދުވަހުގެ މުއްދަތު, އާންމުކޮށް އިންޑިއާގައި ތަންފީޒު ކުރެއެވެ.

ނަމަވެސް މި ނިންމުމުގެ ސަބަބުން ބާނޯ އާއި އޭނާގެ އާއިލާއަށް ތަހަންމަލް ކުރަން ޖެހިފައި ވާ ހިތްދަތިކަމުގެ އިތުރުން އެ ޖަރީމާގެ ބޮޑުމިނާއި އިންސާފަށްޓަކައި އެމީހުން ކުރިމަތިލާން ޖެހުނު ދިގު ހަނގުރާމައަށް ބަލާއިރު, އެ އާއިލާއަށް އެއީ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ.

ގޯދްރާ ޓައުންގައި ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ ހިންދޫ ހައްޖުވެރިންގެ 60 މީހުން މަރުވި/ ފޮޓޯ ބީބީސީ ނިއުސް

މި ހަދިސާ އަކީ ގުޖުރާތުގެ ގޯދްރާ އަވަށުގައި, ފަސިންޖަރު ރޭލެއްގައި އަލިފާން ރޯވެ ހިންދޫ ހައްޖުވެރިންގެ 60 މީހުން މަރުވުމުން ފެށި ހަމަނުޖެހުންތަކުގެތެރޭގައި ހިންގި އެންމެ ބިރުވެރި އެއް ޖަރީމާއެވެ.

އަލިފާން ރޯ ކުރުމުގެ ތުހުމަތު މުސްލިމުންގެ މައްޗަށް ކޮށް، ހިންދޫ ޖަމާއަތްތަކުން ވަނީ މުސްލިމުންގެ އަވަށްތަކަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. ތިން ދުވަހުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި އެ ހާދިސާގައި ގިނައީ މުސްލިމުންނެވެ.

މިދިޔަ އަހަރުތަކުގެ ތެރޭގައި ކޯޓުތަކުން ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ބުނެ ދިހަވަރަކަށް މީހުންގެ މައްޗަށް ކުށް ސާބިތު ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން މަތީ ފަންތީގެ ތުހުމަތު ކުރެވޭ ބައެއް މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާފައި އަދި ބައެއް މީހުން މަތީ ކޯޓުތަކުން ވަނީ ކުށުން ބަރީއަ ކޮށްފައެވެ.

މީގެ ތެރޭގައި "ހަމަނުޖެހުންތަކުގެ މޭސްތިރިޔާ" ކަމަށް ބުނެފައިވާ ކުރީގެ މިނިސްޓަރު އަދި އިންޑިއާގެ މިހާރުގެ ރައީސް ނަރެންދްރަ މޯދީގެ އެހީތެރިއެއް ކަމަށްވާ މާޔާ ކޮޑްނާނީ ވެސް ހިމެނެއެވެ.

2002 ޖަމާއަތްތަކުން ވަނީ ގުޖުރާތުގައި ގަތުލުއާންމުތަކެއް ހިންގައިފަ/ ފޮޓޯ: ބީބީސީ ނިއުސް

އެހާދިސާ ބާނޯގެ ދުލުން

އެއީ 2017 ވަނަ އަހަރުގެ ދުވަހެކެވެ. ރޭލުގައި އަލިފާން ރޯވި އިރު އޭރު އުމުރުން 19 އަހަރުގެ ބަލްގިސް ބާނޯ ދިޔައީ ދެވަނަ ދަރިފުޅަކަށް އުންމީދު ކުރަމުންނެވެ. ބަލިވެއިން ދަރިފުޅާއި އޭރު އޭނާގެ ހުންނަ އުމުރުން ތިން އަހަރުގެ އަންހެން ދަރިފުޅާއެކު ގޯދްރާ ކައިރީގައި އޮންނަ ރަންދީކްޕޫރު އަށް ބާނޯ ދިޔައީ އޭނާގެ މައިންބަފައިންނަށް ޒިޔާރަތް ކުރާށެވެ.

''އަހަރެން ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރު ކުރަން ހުއްޓާ، ދައްތައާއި އޭނާގެ ދަރިން ދުވެފައި އައި, އެމީހުން ބުނީ އެމީހުންގެ ގެތަކުގައި އަލިފާން ރޯކުރަމުންދާ ކަމަށާއި, ވަގުތުން ފުރަން ޖެހޭ ކަމަށް، އަހަރެމެން ފުރީ އުނުގައި އޮތް ހެދުމާއެކު، އަހަރެމެންނަށް ފައިވާނަށްއަރާނެހާ ވަގުތު ވެސް ނުލިބުނު''
ބާނޯ

ބާނޯ ނުކުމެގެން ދިޔައީ 17 މުސްލިމުން ހިމެނޭ ގްރޫޕެއްގައި ކަމަށާއި އޭގެ ތެރޭގައި އޭނާގެ އަންހެން ދަރިފުޅާއި މަންމަ އާއި މާބަނޑު އަންހެން ކޮއްކޮއަކާއި އޭނާގެ ހަގު ކޮއްކޮމެނާއި އެމީހުންގެ ދަރިންގެ އިތުރުން ބޮޑު ދެ ފިރިހެނުން ހިމެނެއެވެ. ޖެހިގެންއާއި ދެތިން ދުވަހު އެމީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، މިސްކިތްތަކުގައި ހިޔާވަހިކަން ހޯދައިގެން ނުވަތަ ހިންދޫ އަވަށްޓެރިންގެ އޯގާތެރިކަމުން ދިރިއުޅެމުން ދިޔައެވެ.

އެއަހަރުގެ މާޗު 3 ވަނަ ދުވަހުގެ ހެނދުނު، އެމީހުން ރައްކާތެރިވާނެ ކަމަށް, ގަބޫލުކުރެވޭ ކައިރީގައި އޮންނަ ރަށަކަށް ދިއުމަށް ފުރިކަމަށާއި، ނަމަވެސް ކުއްލިއަކަށް ފިރިހެނުންގެ ގްރޫޕަކުން އެމީހުން ހުއްޓުވައި, ކަނޑިއާއި ދަނޑިން ހަމަލާ ދިންކަމަށް ބަނޯ ކިޔައިދީފައި ވެއެވެ. އަދި އޭގެ ތެރެއިން އެކަކު އޭނާގެ އަންހެން ދަރިފުޅު އޭނާގެ އުރުން ފޭރިގަނެ ބިންމައްޗަށް އެއްލާލައި އެކުއްޖާގެ ބޯ ހިލަގަނޑެއްގައި ޖެއްސި ކަމަށް ބުންޏެވެ. އޭނާއަށް ހަމަލާދިން މީހުންނަކީ ރަށުގައި ތިބި އޭނާގެ އަވަށްޓެރިން ކަމަށާއި، އެއީ ބޮޑުވަމުން އައިއިރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އޭނާއަށް ފެނުނު ބައެއް ކަމަށްވެސް ބުނެފައި ވެއެވެ. އެމީހުން އޭނާގެ އުނުގައި އޮތް ހެދުން ދަމައިގަނެ، އޭގެ ތެރެއިން ބައެއް މީހުން އޭނާ ރޭޕްކޮށްފައި ވަނީ، ރަޙުމް ކުރުމަށް އެދި އާދޭސް ކޮށްކޮށް އޮއްވައި ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.

އޭގެ ދެދުވަސް ކުރިން ކުއްޖަކު ވިހެއި، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮވެސް ރޭޕްކޮށް މަރާލާފައި ވާއިރު, އޭނާގެ އުފަން ދަރިވެސް ވަނީ މަރާލާފައެވެ. ބަލްގިސް ބަނޯ ސަލާމަތްވީ އޭނާ ހޭނެތުމުން, ހަމަލާދިން މީހުން އޭނާ މަރުވެފައިވާ ކަމަށް ގަބޫލުކޮށް އޭނާ ދޫކޮށް ދިއުމުންނެވެ. މި ގަތުލުއާންމުން ސަލާމަތްވީ އޭނާއާއި ހަމައެކަނި ދެ ފިރިހެން ކުދިން ކަމަށާއި އެއީ ހަތަރު އަހަރާއި 7 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ބާނޯ ވަނީ ކިޔައިދީފައެވެ.

އިންސާފަށްޓަކައި ބާނޯ ކުރި ހަނގުރާމައަކީ ދިގު އަދި ބިރުވެރި ހުވަފެނެއް ފަދަ މަސައްކަތަކެވެ. ފުލުހުންނާއި ދައުލަތުގެ ބައެއް އޮފިޝަލުން އޭނާއަށް ބިރުދައްކަން މަސައްކަތްކޮށް، ހެކި ނައްތާލައި، މަރުވެފައިވާ މީހުންގެ ޕޯސްޓްމޯޓަމް ނަހަދާ ވަޅުލާފައި ވާކަން ލިޔެކުންތަކުން ފެންނަން އެބައޮތެވެ. ބާނޯ ބެލި ޑޮކްޓަރުން ވެސް އެކަމުގައި ބައިވެރިވެ ބުނީ އޭނާ ރޭޕްކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށް ބަނޯ ބުނެއެވެ.

މިމައްސަލައިގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައި ވަނީ 2 އަހަރު ފަހުން، 2004 ވަނަ އަހަރު އިންޑިއާގެ ސުޕްރީމް ކޯޓުން އެ މައްސަލަ ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކުރުމުންނެވެ. އަދި ގުޖުރާތުގެ ކޯޓުތަކަށް ބާނޯއަށް އިންސާފު ނުދެވޭނެ ކަމަށް މަތީ ކޯޓުން އެއްބަސްވެ، އޭނާގެ މައްސަލަ މުމްބާއީއަށް ބަދަލުކުރިއެވެ.

އިންސާފަށްޓަކައި އޭނާ ކުރި ހަނގުރާމަ ވަނީ އޭނާގެ އާއިލާގެ ހަމަޖެހުމަށްވެސް އަސަރުކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން އެތަކެއް ފަހަރު އެމީހުން ދިރިއުޅޭ ގެ ވެސް ބަދަލުކުރަން ޖެހުނު ކަމަށް ބާނޯ ބުންޏެވެ.

''އަހަރެމެންނަށް އަދިވެސް ބިރުން ގެއަށް ނުދެވޭ. ފުލުހުންނާއި ސްޓޭޓް އެޑްމިނިސްޓްރޭޝަނުން އަބަދުވެސް އަހަރެމެންނަށް ހަމަލާދޭ މީހުންނަށް ދަނީ އެހީތެރިވަމުން. ގުޖުރާތުގައި ތިބޭއިރު އަދިވެސް އަހަރެމެން ތިބެނީ މޫނު ނިވާކޮށްގެން، ދުވަހަކުވެސް އެޑްރެސް ނުދެން އެއްވެސް ބަޔަކަށް'' ބާނޯގެ ފިރިމީހާ ބުނެފައި ވެއެވެ.

ކޯޓުގައި މައްސަލަ ހިނގަމުން ދިޔަ އިރު ބާނޯއަށް ހަމަލާދިން މީހުންނަށް މަރުގެ އަދަބު ދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ފިރިމީހާއާއި ބާނޯ އާދޭސް ކުރަމުން ދިޔައެވެ. ނަސީބު ކަންދިމާކުރި ގޮތުން މުމްބާއީގެ ހައިކޯޓުން އޭރު އެމީހުންގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ހުކުމް ކުރުމުން ބާނޯ ބުނެފައި ވަނީ "ބަދަލު ހިފުމަށް ޝައުގުވެރި ނުވާ" ކަމަށާއި "ހަމައެކަނި ބޭނުންވަނީ އެމީހުން ކޮށްފައިވާ ކަންތައް އެމީހުންނަށް ވިސްނޭތޯ" ބެލުން ކަމަށެވެ.

"އަހަރެން އުންމީދު ކުރަން ކޮންމެސް ދުވަހަކުން އެމީހުންނަށް އެމީހުން ކުރި ކުށުގެ ބޮޑުކަން ވިސްނޭނެ ކަމަށް" ކުޑަކުދިން މަރާލި ގޮތާއި އަންހެނުން ރޭޕްކުރި ގޮތާ މެދު ނިސްބަތް ކުރަމުން އޭނާ ބުނެފައި ވެއެވެ. ބާނޯ, އިތުރަށް ބުނެފައި ވަނީ އެމީހުން މުޅި އުމުރު ޖަލުގައި ހޭދަކުރުމަށް އޭނާ ބޭނުންވާ ކަމަށެވެ.

ކުއްވެރިން މިނިވަން ކުރުމުން, މިދިޔަ އަންގާރަދުވަހު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާނޯގެ ފިރިމީހާ ބުނެފައި ވަނީ އޭނާގެ އަންހެނުން ބާނޯ ހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި އެތައް އަހަރެއް ވަންދެން އެމީހުން ކުރި ހަނގުރާމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިމި ދިޔައީ ކަމަށެވެ. އަދި އެމީހުން އިންސާފަށްޓަކާއި ކުރިހާ މަސައްތަކެއް ފެނަށް ދިޔައީ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.