ހިޔާ ފްލެޓެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކުރި ދެ މީހުން އަށް ދުވަހަށް ބަންދުކޮށްފިއެވެ.

ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ރޭ ދައުރުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ބިދޭސީ ދެ ފިރިހެނުންނެވެ. ދެ ފިރިހެނުން އެކަން ކޮށްފައި ވަނީ އެނގިފައިވާ ގޮތުގައި، ހިޔާގެ ހަތްވަނަ ޓަވަރުގެ 10 ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓެއްގެ ތެރޭގައެވެ.

އެ މައްސަލައިގައި ފުލުހުން އެތަނަށް ގޮސް ރޭ ވަނީ ދެ ބިދޭސީން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމާއި ދެ މީހުންގެ އުމުރެއް ހާމަ އެއް ނުކުރެއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން އަށް ދުވަސް މިއަދު ޖަހާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރުން، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާ އެކު ގިނަ ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެ، ތިން މީހަކު ހައްޔަރުކުރިއެވެ. ޕީޖީ އޮފީހުގެ ލަފާގެ މަތިން އެ ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.