ބާ ޖަމާލުއްދީން ސްކޫލްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 10:50 ހާއިރު ކަމަށެވެ. އަދި އެ އަލިފާން ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބާ ޖަމާލުއްދީން ސްކޫލް ތެރޭ ހުރި ކުނިތަކެއްގައި އަލިފާން ރޯވެފައި ވާ އިރު، މިހާރު ބާ ޖަމާލުއްދީން އިމާރާތް އަންނަނީ ތަލާލަން މަސައްކަތް ކުރަމުންނެވެ. އެހެންކަމުން އެތަނުގައި ހުރި ކުނިތަކަކަކީ އެ އިމާރަތް ތަޅާލުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ހުރި ކުނިތަކެކެވެ.

ބާ ޖަމާލުއްދީންގައި ހުރި ކުނިތަކެއްގައި ރޯވެފައި

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާ ހިނގަން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މިހާރު ބާ ޖަމާލުއްދީން ހުރި އިމާރާތް ތަޅަމުން އަންނަ އިރު، އެ އިމާރާތް ތަޅާލަން ހަވާލުކޮށްފައި ވަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.