ތިލަމާލެ ބްރިޖް ޕްލެޓްފޯމު ވިލިމާލޭ ފަރަށް އުރި، ގެއްލުންވަމުން ދާތީ ކަންބޮވުން ފާޅުކޮށް، އަވަސް ހައްލެއް ހޯދައި ދިނުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ތިލަމާލެ ބްރިޖް މަސްރޫއުގެ މަސައްކަތަށް ވިލިމާލޭ އިރުމަތީ ފަރާތު ފަރާ ދިމާ ބޭރުން ކަނޑުގައި ގާއިމުކޮށްފައި ހުރި ޕްލެޓްފޯމް އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކޮންޓްރޯލުން ނެއްޓި، ވިލިމާލޭގެ އިރުމަތީ ފަރަށް އުރިފައި ވާތީ، އެކަމާ ކަންބޮޑުވާ ކަމަށެވެ.

ވިލިމާލެ ފަރަކީ މާލެ ސަރަހައްދުގައި ކިރިޔާވެސް ހަލާކުނުވެ އޮތް ހަމައެކަނި ގުދުރަތީ ފަރަށް ވުމާއި، ގުޅިފަޅު ހިއްކުމާއި ބްރިޖް މަސްރޫއުގެ ސަބަބުން ނުހަނު ނޭދެވޭ އަސަރު މިހާރުވެސް ފޯރަމުންދާ ފަރެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އެހެންކަމުން ބްރިޖް ޕްލެޓްފޯމު ފަރަށް އުރި، މިއަދުގެ މިވަގުތާ ހަމައަށް ރާޅާއެކު ފަރު މައްޗަށް ޖެހިޖެހި، އެކަން ހައްލު ނުކުރެވި އޮތުމަކީ ނުހަނު ހިތާމަ ހުރި ކަމެއް ކަމަށް އެ ކައުންސިލުން ބުނެއެވެ.

ބްރިޖް މަސްރޫއު ހިންގުމާ ހަވާލުވެފައިވާ ކުންފުންޏާއި، މަޝްރޫއަށް ޒިންމާވާ ވުޒާރާ ކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުން މި މަސްރޫއު ހިންގުމުގައި ސަލާމަތީ މިންގަނޑުތަށް އިތުރަށް ފަރުވާތެރިވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. މާލެ ސިޓީގެ ގުދުރަތީ ތަރިކައަށް ފޫނުބެއްދޭވަރުގެ ގެއްލުމާއި، ހަލާކު ކުރިމަތި ކުރުވަމުންދާ މި މައްސަލަ ރަނގަޅަށް ބަލައި ތަހްގީގު ކޮށްދިނުމަށް އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ވެސް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ.

އިއްޔެ ހިނގި މި ހާދިސާ ހިނގަން މެދުމެރިވި ކަމަށް ބެލެވެނީ ފަރުމައްޗަށް ޕްލެޓްފޯމް އެރި ވަގުތު ރާޅު ޖެހުމުގެ ސަބަބުން އަރިއަޅާލައިގެންނެވެ. ޕްލެޓްފޯމް އަރިއަޅާލާފައި އޮތް އިރު ރާޅު ހުރިކަން ފޮޓޯތަކުން ފެނުމުގެ އިތުރުން، އޭގައި އެވަގުތު ތިބި މީހުންގެ ތެރެއިން 3 މީހަކު މޫދަށް ވެއްޓި ވަނީ އަނިޔާވެފައެވެ. އަނިޔާވި 3 މީހުންނަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ.