ހުޅުމާލެ ބީޗް ސަރަހައްދުގައި މާރާމާރީ އެއް ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މާރާމާރީ ހިންގި މީހާ ހައްޔަރުކުރުމަށް ދެ ފުލުހަކު މަސައްކަތްކުރެއެވެ. އެކަމަކު އެ މީހާ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ދުއްވައިގަނެއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން އެ މީހާ ހިފަހައްޓައި ހައްޔަރުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، ޒުވާން ފިރިހެނަކު މާރާމާރީ ހިންގައި ލަކުޑިބުރިއަކުން ހަމަލަދީފައި ވަނީ އޭނާގެ އާއިލާ އަށް ނިސްބަތްވާ މުސްކުޅި މީހަކަށެވެ. އެ ސަރަހައްދުގައި ގިނަ ފަތުރުވެރިން އޭރު ތިބި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:30 ވާން އުޅެނިކޮށް ކަމަށާއި، އެ މައްސަލައިގައި ހައްޔަރުކުރީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މާރާމާރީ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މައްސަލަ ތަހްގީގުކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.