ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

މާކުރަތު ބަނދަރު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޓޭޓު ދެމުން އެމްޓީސީސީން ބުނީ މިމަޝްރޫއުގެ ދަށުން، އާ ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސަންޓް ނިމިއްޖެ ކަމަށެވެ.

މާކުރަތު ބަނދަރު ތަރައްގީކުރުމުގެ ދަށުން 45,023.84 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެއިތުރުން 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 641 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް އެ މަޝްރޫއުގައި ހިމެނެއެވެ.

އެ މަޝްރޫއަކީ 26.67 މިލިއަން ރުފިޔާއަށް 350 ދުވަސް ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.