އަނިޔާވެރިކޮށް މިދިޔަ ހޮނިހިރު ދުވަހުގެރޭ މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލާފައިވާ ސަރަހައްދަށް ވަދެ، ފޮޓޯ ނަގައި، ލީކުކުރިތޯ ބަލަމުންދާ ކަމަށް، ފުލުހުން ބުނެފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިއާއުގެ ފޮޓޯތައް ލީކުކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި، ފުލުހުންގެ ތެރެއިންނެވެ. އެގޮތުން ތިން ފޮޓޮއެއް ލީކުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝިއާއު މަރާލުމުގެ ކުރިން ނަގާފައިވާ ފޮޓޮއަކާއި، މަރާލުމަށް ފަހު ނަގާފައިވާ ދެ ފޮޓޮއެއް ހިމެނޭ ކަމަށް ވެސް އެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

އޭގެ ތެރެއިން އެއް ފޮޓޯތަކުން މަރާލާފައިވާ އަންހެނަކު ސިޓިން ރޫމްގައި ބާއްވާފައި އޮންނަ މަންޒަރު ފެނެއެވެ. ހަމަ އެހެންމެ އެ ފޮޓޯތަކުގެ ތެރޭގައި ބަދިގޭގެ ބިންމަތީ ޓައިލްސްތަކުގައި ގިނަ އަދަދެއްގެ ލޭ ހުންނަ ފޮޓޮއެއް ވެސް ހިމެނެއެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޝިއާއުގެ މަރާ ގުޅޭ އެއްވެސް ފޮޓޮއެއް ލީކުވެފައިވާ ކަމަށް މިހާތަނަށް އެނގިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުން ދާނެ ކަމަށެވެ.

އޭގެ ފަހުން ކުރި ޓްވީޓެއްގައި ފުލުހުން ވަނީ ޝިއާއުގެ ފޮޓޯތަކެއް އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެފަދަ ފޮޓޮއެއް ލީކުނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ ފޮޓޯތަކަކީ ފުލުހުންގެ ތަހްގީގަށް ނަގައި ބޭނުންކުރަމުންދާ ފޮޓޯތަކެއް ނޫނެވެ.

"ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ޚިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުން." ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން ވަނީ، އެ ފޮތޯތަކަކީ އަނިޔާވެރި މަންޒަރުތައް ފެންނަ ފޮޓޯތަކެއް ކަމަށްވާތީ، އަދި އެ ފޮޓޯތަކުގެ ސަބަބުން ގިނަ ބަޔަކަށް އެކަމުގެ އަސަރު ކުރާނެތީ، އެއްވެސް މީހަކަށް އެ ފޮޓޯތައް ނުފޮނުވުމަށާއި، ފޮޓޯތައް ދައުރުނުކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ޝިއާއުގެ މަރާ ގުޅުންހުރި ފޮޓޯތަކެއް ލީކުކޮށްލާފައިވާ ކަމަށް ބުނަމުންދާއިރު، ފުލުހުން ވަނީ ޝިއާއުގެ ފުލުހުން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ. އިންޑިއާ އިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު އަނބުރާ ގެނެސް، މިދިޔަ އާދީއްތަ ދުވަހުގެރޭ ވަނީ އޭނާގެ ޖަނާޒާ ބާއްވައިފައެވެ

އަނިޔާވެރި ގޮތަކަށް ޝިއާއު މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ވާއިރު، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.