މި މަހުގެ ހަ ވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ފޮޓޯތަކެއް ލީކުވެފައިވާ ކަން އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝިއާއުގެ ފޮޓޯތައް ލީކުކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި، ފުލުހުންގެ ތެރެއިންނެވެ. އެގޮތުން ތިން ފޮޓޮއެއް ލީކުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝިއާއު މަރާލުމުގެ ކުރިން ނަގާފައިވާ ފޮޓޮއަކާއި، މަރާލުމަށް ފަހު ނަގާފައިވާ ދެ ފޮޓޮއެއް ހިމެނޭ ކަމަށް ވެސް އެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މީގެ ކުރިން ވެސް ޝިއާއުގެ މަރާ ގުޅޭ ގޮތުން ފޮޓޯތަކެއް ކަމަށް ބުނެ، އަސްލުނޫން ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ޝިއާއުގެ މަރާ ގުޅޭ އެއްވެސް ފޮޓޮއެއް ލީކުވެފައިވާ ކަމަށް މިހާތަނަށް އެނގިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުން ދާނެ ކަމަށެވެ.
ޝިއާއުގެ މަރާ ގުޅުންހުރި ފޮޓޯތަކެއް ލީކުކޮށްލާފައިވާ ކަމަށް ބުނަމުންދާއިރު، ފުލުހުން ވަނީ ޝިއާއުގެ ފުލުހުން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ. އިންޑިއާ އިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު އަނބުރާ ގެނެސް، މިދިޔަ އާދީއްތަ ދުވަހުގެރޭ ވަނީ އޭނާގެ ޖަނާޒާ ބާއްވައިފައެވެ
އަނިޔާވެރި ގޮތަކަށް ޝިއާއު މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ވާއިރު، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.