މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީން 22.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް، އެ މިނިސްޓްރީން ބުނެފިއެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ގެނެސްފައި ވަނީ މީގެ މަސް ދުވަސް ކުރިންނެވެ. އަދި ރަށްރަށުގައި ހިދުމަތް ދިނުމަށް ބޭނުންވާ ބަސްތައް ވަނީ ފޮނުވާލައިފައެވެ. މާލޭގެ އިތުރުން، މިނީ ބަހުގެ ހިދުމަތް ފަށަނީ އައްޑުއާއި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދަ ޕްރެސް" އާ ޓްރާންސްޕޯޓް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ބުނީ، މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންވާ 18 ބަހެއް ގެނައުމަށްޓަކައި 22.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހިދުމަތް ދިނުމަށް ބޭނުންކުރާނީ 12 މިނީ ބަހާއި، ހަ އީވީ މިނީ ބަހެއް ކަމަށް، އެ މިނިސްޓްރީން ބުންޏެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭ ހިމެނޭ މިނީ ބަހުގެ ހިދުމަތް ދިނުމަށް، 2019 ގައި އެމްޓީސީސީ އާ ހަވާލުކުރި ނަމަވެސް، ސަރުކާރަށް ހަތަރު އަހަރުވާން ކައިރިވެފައި ވާއިރު، އެ ވައުދު އަދިވެސް ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެކިފަހަރު މަތިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށް ދަނީ މާލޭގެ މަގުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިނީ ބަހުގެ ހިދުމަތް ފެށުމަށް، ބަސް ދުއްވާ މަގުތަކުގައި ޕާކިން މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މާލޭ ސިޓީ ކައުންސިލުން އަންނަނީ ބައެއް ޕާކިން ޒޯންތައް ހުސްކޮށް އެ ތަންތަނުގެ ބަދަލުގައި އާ ޕާކިން ޒޯންތަކެއް ހަދަމުންނެވެ. އެމްޓީސީސީން ބުނީ، ސިޓީ ކައުންސިލްގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މާލޭގައި މިނީ ބަހުގެ ހިދުމަތް ދެވެން ފެށޭވަރު ވާނެ ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށް ބުންޏެވެ.