އުރީދޫ މޯލްޑިވްސް އިން އިންތިޒާމްކޮށް ރާއްޖެ އާއި ގަތަރުގެ ބައެއް މިނިސްޓަރީތަކާއި މުއައްސަސާތަކާ ގުޅިގެން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ދޯހާގައި ބާއްވައިފިއެވެ.

އުރީދޫގެ ތަސައްވަރާ އެއްގޮތުގެ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން މިސް ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީފައެވެ. އެ ދައުވަތަށް ރާއްޖެއިން ވަޑައިގަތީ މިނިސްޓާ އޮފް އެންވާރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ އާއި، މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީ އާއި، މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫންގެ އިތުރުން މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނެވެ.

ގަތަރުން ބައިވެރިވަޑައިގެންނެވި މިނިސްޓަރުންގެ ތެރެއިން، މިނިސްޓާ އޮފް އެޑިޔުކޭޝަން، ބުތައިނާ ބިންތު އަލީ އަލްނުއައިމީ އާއި، މިނިސްޓާ އޮފް އެންވާރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ޝައިހް ޑޮކްޓަރު ފަލިހް ބިން ނާސިރު ބިން އަހްމަދު ބިން އަލީ އާލް ސާނީ އާއި، މިނިސްޓާ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ، ޝައިހް މުހައްމަދު ބިން އަލީ އާލް މަނާއީ އާއި، މިނިސްޓާ އޮފް ކަލްޗާ، އާޓްސް އެންޑް ހެރިޓޭޖް، ޝައިހް އަބްދުއްރަހްމާން ބިން ހަމަދު އަލް ސާނީ ހިމެނިވަޑައިގަންނަވައެވެ.

އަދި މި ދަތުރުގައި އުރީދޫ ގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބޭއްވި ބައްދަލުވުންތަކަކީ އުރީދޫން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

ގަތަރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ހައުމީ ލައިބްރަރީ ފެންވަރު ރަނގަޅުކޮށް އަޕްގްރޭޑް ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ގަތަރު ފައުންޑޭޝަން އާއި ކަމާބެހޭ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރުމުގެ މަގުވެސް އުރީދޫން ވަނީ ފަހިކޮށް ދީފައެވެ. މީގެ އިތުރުން ގަތަރުގެ ގައުމީ ދާރުލްއާސާރާއި، ކަތާރާ ކަލްޗަރަލް ވިލެޖާއި، އާޓް ގެލަރީއާއި، ވޯކްޝޮޕްތަކާއި އެގްޒިބިޝަންތައް ބާއްވާ ތަންތަނާއި، ޕާފޯމަންސް އެރީނާތަކުގެ އިތުރުން އެހެނިހެން ސަގާފީ ދާރުލްއާސާރުތައް ވަނީ ޒިޔާރަތްކޮށްފައެވެ.