ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން ކުރިމަތިކުރި ސުވާލުތައް އޮއްބާލައްވައި އެއީ ޖޯކަކަށް ހައްދަވައިފިއެވެ.

މިދިޔަ މަހުގެ 29 ގައި އިނގިރޭސިވިލާތުގައި ހުންނަވައި އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ނަޝީދު ވިދާޅުވީ ރައީސް އަރިހުގައި ސުވާލެއް އައްސަވަން އެބައޮތް ކަމަށެވެ. ނަޝީދު އެއްސެވީ ބަރަހަނާ މަންޒަރުތައް ހުރި އެންމެން ހިމާޔަތްކޮށް، ނާޒިމް އަބްދުއްސައްތާރު އެކަނި ހައްޔަރުކުރީ ކީއްވެތޯއެވެ.

އޭގެ ފަހުގައި، ރައީސް ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ، އެ ފޮޓޯތައް ފޮނުވަންވީތޯ ސުވާލު ކުރެއްވިއެވެ. އެމަނިކުފާނު އަތްޕުޅުގައި، އަދި ރައީސް އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ހަތަރު ފޮޓޮއެއް އޮތް ކަމަށް ވެސް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެ ފޮޓޯތަކުން ފެންނަ އަންހެން ކުއްޖާ އަކީ އާއިލީ ގޮތުން އެކުވެރި ބޭފުޅެއްގެ ދަރިއެކެވެ. އަދި އޭނާގެ ހާލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވެސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެކަމާ ގުޅިގެން ސުވާލުކުރުމުން ނަޝީދު ވަނީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދެކޮޅު ހައްދަވައި ވާހަކަ އަނބުރާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިންނާ ބައްދަލުކުރެއްވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންފުޅުވާ ވާހަކަ ދައްކަވަން ކަމަށެވެ.

އެކަމަކު ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ނަޝީދު ވިދާޅުވި ގޮތުގައި، އެ ދުވަހު އެ ވާހަކަ ދެއްކެވީ ބަޔަކު ރާވައިގެން ބަރަހަނާ މަންޒަރުތައް ހަދައި އެ ތަކެތި ބޭނުންކޮށްގެން ބައެއް އާންމުންގެ އަތުން ފައިސާ ނަގަމުންދާ ވާހަކަ ވަޓްސްއަޕް ގްރޫޕްގައި ދެއްކުމުންނެވެ. އެ ވާހަކަ ދެއްކެވީ އެ ބާވަތުގެ މައްސަލަތަކުގައި ހަމަހަމަކޮށް އަމަލުކުރަން ޖެހޭނެ ކަމަށް ދެންނެވުމުގެ ގޮތުން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކުރެއްވި މެސެޖުތައް ދިފާއުކުރައްވާފައެވެ.

"މިމައުޟޫގައި އަޅުގަނޑު ތިޔަބޭފުޅުންނާ މިއަދު ދައްކާނެ އިތުރު ވާހަކައެއް ދެން ނެތް،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަ އިތުރަށް ބަދަލުކޮށްލުމުގެ ގޮތުން ނަޝީދު ވިދާޅުވީ، ރައީސް އަތްޕުޅުގައި ވެސް އެމަނިކުފާނުގެ (ނަޝީދުގެ) ފޮޓޯތައް ހުންނާނެ ކަމަށެވެ. އަދި ގިނަ ފޮޓޯތައް ހުރީ ޕްރިންޓްކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް، ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯ ހުރި ކަމަށް ވިދާޅުވެ ނަޝީދު މެސެޖު ކުރެއްވީ، އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި ތުހުމަތު ކޮށް ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަޝީދުގެ ތުހުމަތުތައް ރައީސް އޮފީހުން ދޮގުކުރިއިރު، ދާދިފަހުން ނާޒިމް ވަނީ ދޫކޮށްލާފައެވެ.