މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދާތީ މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މިއަދު މަނާކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނީ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބްރިޖް އަޅާ ފަޅި މާދަމާއިން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުން ގާދޫކޮލުން ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމް ކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ދަ ޕްރެސް" އަށް ވިދާޅުވީ މާލެ އާއި ވިލިމާލެއަށް ދަމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކުރިޔަސް އެމްޓީސީސީގެ ފެރީގެ ހިދުމަތަށް ބަދަލުނައިސް ކުރިއަށްދާނެ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ތިލަމާލެ ބްރިޖުގެ މަޝްވަރާތައް އެންމެ ފުރަތަމަ ކުރީ ސެޕްޓެމްބަރު 2019 ގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއި ކުރިއިރު އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވަނީ އަމާޒު ހިފާފައެވެ.
ބްރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާއިރު އެ މަޝްރޫއު ކުރިއަށް ގެންދަނީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.
6.47 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި ބްރިޖް ނުވަތަ ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރު އަށް މެރިން ވިއާޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރު ގެ މަގުހިމެނެއެވެ.