މާލޭގައި ހިންގަމުން އައި އިންޑިއާ ހައިކޮމިޝަންގެ އޮފީސް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަން މިހާތަނަށް ހިންގަމުން އައީ އަމީރު އަހުމަދު މަގުގައި ހުންނަ ހ. އަތިރީގެ އާގޭގައެވެ. އަދި އެ އިމާރާތް ބާވުމައި އަދި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވާ ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

އިންޑިއާ ހައިކޮމިޝަން ބަދަލުކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހިތިގަސްމަގުގެ ގޯޅި ހަތަރެއްގައި ހުންނަ ލޮޓް ނަންބަރު 11499، އިމާރާތަށް ކަަމަށްވާއިރު އެއީ ހުޅުމާލެ އިންޑޯ ސުވިމިން ޕޫލް ކުރިމައްޗަށް އޮންނަ ގޯޅިއެވެ.

އެމްބަސީތަކަށް ހުޅުމާލެއިން ބިން ދޫކުރަން ސަރުކާރުން ނިންމައި ބައެއް ގައުމުތަކަށް ކުރިން ވަނީ ބިން ދޫކޮށްފައެވެ. އެގޮތުން މީގެ ކުރިން ވަނީ ސްރީލަންކާ އާއި ބަންގްލަދޭޝާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޗައިނާގެ އަދި ޕާކިސްތާނަށް ބިން ދޫކޮށްފައެވެ.

އިންޑިއާގެ އެމްބަސީ އަޅަން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދިން ބިމުގައި ސެޕްޓެމްބަރު 4، 2019 ގައި ވަނީ ބިންގާ ވެސް އަޅައިފާވާއިރު އިންޑިއާ އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.