މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމުގެ ގޮތުން، ތުހުމަތު ކުރެވޭ މީހާ އަތަށް އެ ތަކެތި ދީގެން ހިންގާ އޮޕަރޭޝަންތަކުގައި ޗެއިން އޮފް ކަސްޓަޑީގައި އެ މީހާ ސޮއިކުރަން ޖެހޭކަމަށް ނިންމާފައިވާ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ހައި ކޯޓުން ބުނެފިއެވެ

ޗެއިން އޮފް ކަސްޓަޑީ އަކީ، ޤާނޫނީ ނަޒަރަކުން ބަލާއިރު، ޖިސްމާނީ ނުވަތަ އިލެކްޓްރޯނިކް ހެކި ހިމެނޭގޮތަށް، ކަސްޓޯޑިއަލް، ކޮންޓްރޯލް، ޓްރާންސްފާ، އެނަލިސިސް، އަދި މެޓީރިއަލްގެ ސީކުއެންސް ރެކޯޑްކުރާ ކްރޮނޮލޮޖިކަލް ލިއުމެކެވެ. ނަމަވެސް މަސްތުވާތަކެއްޗާ ހަވާލުވާން އަންނަ މީހުން ހޯދުމަށްޓަކައި ހިންގާ ޑެލިވަރީ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ބަހައްޓާފައި ހުންނާނީ ތުހުމަތު ކުރެވޭ މީހާގެ އަތުގައެވެ. އެކަމަކު އެ މީހުންގެ ނަމެއް ޗެއިން އޮފް ކަސްޓަޑީގައި ނޯވެއެވެ.

ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، ތުހުމަތު ކުރެވޭ މީހާ އަށް ފުލުހުން މަސްތުވާތަކެތި ދީފި ނަމަ، އެ މީހާގެ ނަން ޗެއިން ގައި އޮންނަން ޖެހޭނެއެވެ. އެ ނިންމުމަށް ރިއާޔަތްކޮށް، ކްރިމިނަލް ކޯޓުން މީގެ ދެ އަހަރު ކުރިން އެ ގޮތަށް ނިންމިއެވެ. އެކަމާ ގުޅިގެން ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ހައި ކޯޓުގެ ކުރީގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދިފައެވެ.

ދެ ސަބަބެއް ދެއްކުމަށް ފަހު ދައުލަތުން ބުނީ، ތުހުމަތު ކުރެވޭ މީހާގެ ނަން ޗެއިންގައި އޮންނަން ނުޖެހޭނެ ކަމަށެވެ. އެ ދެ ސަބަބަކީ:

  • އެ މީހުންގެ އަތަށް މަސްތުވާތަކެތި ދެނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށްވާތީ
  • އެ މީހުންގެ ނަން ޗެއިންގައި ހިމަނަން ޖެހޭ ނަމަ، ސޮއިކުރުމަށް ފަހު އިންކާރުކުރާނެތީ
  • އެ ނިންމުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކަށް ނުބައި އަސަރު ކުރާ ކަމަށް ދައުލަތުން ބުނޭ

އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ހައި ކޯޓުން ބުނީ:

  • ހައި ކޯޓުން ކުރިން ކުރި ހުކުމް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ނުކުރާ ކަމަށް
  • އެ ކޯޓުގެ ނިންމުން މުރާޖައާ ކުރަން އެދެވޭނެ ގާނޫނީ ހަމައެއް ދައުލަތަށް ނުދެއްކޭ ކަމަށް

އެހެންވެ އެ ނިންމުން މުރާޖައާ ނުކުރެވޭނެ ކަމަށް، އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ކުރެއްވި ހުކުމްގައިވެއެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޔޫސުފް ޝަހީދެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.