ގިނަ ގައުމުތަކަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބުނާ ސްރީލަންކާގެ ޑްރަގް ޑީލަރެއް ރާއްޖެއަށް އައިސް ދުބާއީއަށް ގޮސް މެލޭޝިއާއަށް ފުރަން އުޅެނިކޮށް ހައްޔަރު ކޮށްފިއެވެ.

ލަންކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ހައްޔަރު ކުރީ ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރު ކުރީ އޭނާގެ އަންހެނުން ކަމަށް ބުނާ މީހަކާ އެކު ދުބާއީއިން ފުރައިގެން މެލޭޝިޔާއަށް ދާން ދުބާއީ އެއާޕޯޓުގައި ހުއްޓާ ކަމަށް ލަންކާގެ މީޑިއާތަކުން ބުނެއެވެ. ލަންކާގެ ނާކޮޓިކްސް ބިއުރޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ދުބާއީ އާއި ލަންކާއާ ދެމެދު ގާއިމްކޮށްފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ނަދުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނަދުން އާއި ޖިލީ ނަމަކަށް ކިޔާ މީހަކު މި އޮޕަރޭޝަން ތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށް ލަންކާ މީޑިއާ އިން ބުނާ އިރު ޖިލީ އަކީ ނަދުންގެ އަންހެނުން ކަމަށް ބުނާ މީހާކަން ކަށަވަރު ވެފައި ނުވާ ކަމަށް ވެސް އެ ލަންކާ ނޫސްތަކުން ބުނެއެވެ.

ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން ނަދުން ހައްޔަރުކުރުމުގެ ސިއްރު އޮޕަރޭޝަނެއް، ބައިނަލްއަގުވާމީ ފުލުހުންނާ ގުޅިގެން ހިންގާތާ މިހާރު މަސް ދުވަސް ވެއްޖެއެވެ. އެ އޮޕަރޭޝަންގައި ހޯދުނު މައުލޫމާތުތަކުގެ ތެރޭގައި އޭނާ ލަންކާއިން ފިލީ ވަގު ޕާސްޕޯޓެއްގައި ކަމަށާއި އޭނާ އެ ޕާސްޕޯތުން އެންމެ ފަހުން ދަތުރުކޮށްފައި ވަނީ ރާއްޖެއަށް ކަމަށް ކޮލޮމްބޯޕޭޖްގައި ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން އެ ޕާސްޕޯޓުގައި އޭނާ ވަނީ ސިންގަޕޫރާއި މެލޭޝިއާ ފަދަ ގިނަ ގައުމުތަކަކަށް ދަތުރުކޮށްފައި ކަމަށް ވެސް ރިޕޯޓް ކުރެއެވެ. އެ ޕާސްޕޯޓު ހަދާފަވަނީ މަރުވެފައިވާ މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން އަދި ނަދުންގެ ފޮޓޯއެއް ހިމަނައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ހަފުތާގައި އޭނާ ދުބާއީއަށް އެތެރެވުމުން އިމިގްރޭޝަންގެ އޮފިޝަލަކަށް އެ ކަން އެނގި އޭނާ ހިފެހެއްޓި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ގާނޫނީ ފުށުއެރުންތަކެއްގެ ސަބަބުން ދޫކޮށްލަން ޖެހުނީ ކަމަށް ކޮލޮމްބޯޕޭޖްގައި ރިޕޯޓް ކޮށްފައި ވެއެވެ. ދުބާއީގެ ރިޕޯޓްތައް ބުނާ ގޮތުގައި ނަދުން ވަނީ ފްރާންސުން ހިމާޔަތް ހޯދައިފައެވެ. އަދި އޭނާ އެ ގައުމަށް ބަދަލުވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ގިނަ ގައުމުތަކަކަށް ޑްްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުކުރެވޭ ނަދުން ވަނީ މެލޭޝިއާ، ސިންގަޕޫރު، ސީޝެލްސް އަދި ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައެވެ. މީގެ އިތުރުން ލަންކާގައި ހިންގި މައުންޓް ލަވީނިއާގެ ބަޑިޖެހުމުގެ ފަހަތުގައި ހުރި މީހަކީ ވެސް ނަދުން ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.