ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސް ބޯޓު އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ދެ މަސް ބޯޓު އަތުލައިގެންފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުން ދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދެ ބޯޓު އަތުލައިގެންފައި ވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ދޭތެރެ ދޭތެރެއިން އުޅަނދުތައް ވަދެއެވެ. އާންމުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބަލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތް ވެސް މަދެއް ނޫނެވެ.
އެގޮތުން އެންމެ ފަހުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފައި ވަނީ މިދިޔަ އަހަރު މެދު ތެރޭގައެވެ.