މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ތާރީހެއް ބުނަން އަދި ދަތި ކަމަށް ފުލުހުން ބުނެފިއެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އަށް ފޮނުވާފައެވެ. އެ މައްސަލައާ ގުލިގެން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްގެ ނަތީޖާ ރޭގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ. ނަމަވެސް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ވަކި ތާރީހެއް ބުނަން ދަތި ކަމަށާއި، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ވާއިރު، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.

ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހައްޔަރުކުރި އިރު އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.