ފ. ނިލަންދޫގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެހީތެރިވެދެއްވަން ނިންމަވައިފިއެވެ.

ގާސިމް އެގޮތަށް ނިންމެވީ ނިލަންދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެ ރަށު ކައުންސިލްގެ ރައީސް އަލީ އަހްމަދާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ގާސިމް ވަނީ ނިލަންދޫގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތައް އޮޅުންފިލުއްވައިފައެވެ.

އެ ބައްދަލަވުމުގައި ގާސިމް އެހީތެރިކަން ފޯރުކޮށްދެއްވަން ނިންމަވާފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ނިލަންދޫގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު
  • އެ ރަށުގައި ވޮލީ ކޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު

ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި، ނިލަންދުއަށް ގާސިމް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް، އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ކޮމިޓީން އެކަމުގެ ރަމްޒެއްގެ ގޮތުން ގާސިމަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

އޭގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ އެކު ނިލަންދުއަށް ވަޑައިގެން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ހިންގަވައިފައެވެ.

އެ ދަތުރުގައި ނިލަންދުއަށް ވަޑައިގެން ނަހުލާ އާއި ޖުމްހޫރީ ޕާޓީގެ ބޭފުޅުން ވަނީ އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ކޮމިޓީގެ އިތުރުން ބައެއް އިސް ފަރާތްތަކާ ބައްދަލު ކުރައްވައިފައެވެ. ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި، އެ ދަތުރުގައި ނިލަންދޫން ގިނަ މީހުން އެ ޕާޓީ އަށް ސޮއިކޮށްފައިވެއެވެ.