ގައުމުގެ ތަރައްގީ އާ ގުޅިފައިވާ މަސައްކަތްތަކުގައި ޒުވާނުން ބައިވެރިކުރުން މުހިންމު ކަމަށާއި، އެ މަސައްކަތްތަކުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މުޖުތަމައުގެ ވިސްނުންތަކާ އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުން މުހިންމު ކަމަށެވެ. އަދި އެކަމުގައި ހުރި ދަތިތައް ދެނެގަނެ، އެ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި:

  • ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ޒުވާނުން
  • އެހެންވެ، ތަރައްގީގެ މަރުހަލާތަކުގައި ޒުވާނުން ބައިވެރިކުރުން މުހިންމު
  • ރާއްޖޭގެ ތަރައްގީގައި ޒުވާނުން އަދާކުރަނީ މުހިންމު ދައުރެއް

މިސާލެއްގެ ގޮތުން ނައިބު ރައީސް ވަނީ ސިވިލް ސާވިސްގައި 11 ހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުން ދާ ކަމާއި، ކޮވިޑް-19 ގެ ދުވަސްވަރު ޒުވާނުން ނަމޫނާ ދައްކާފައިވާ ކަން ފާހަގަކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތަކުގެ ސަބަބުން ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަގްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވާ ކަމަށެވެ.

ހަމަ އެއާއެކު، އަންނަން ހުރި ދުވަސްތަކަށް ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދީ އެ މީހުން ގާބިލް ބަޔަކަށް ހެދުން މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދިވެހި ގައުުމު ބޭނުންވަނީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ރާއްޖޭގައި 258،923 މީހުންނަކީ ޒުވާނުން (ޖުމްލަ އާބާދީގެ 45 ޕަސެންޓު)
  • އޭގެ ތެރެއިން 53 ޕަސެންޓު ޒުވާނުންނަކީ ބިދޭސީން
  • 15 އަހަރާއި 24 އަހަރާ ދެމެދުގެ 97،039 ބިދޭސީން ރާއްޖޭގައި އާބާދުވެފައިވޭ

މި އަހަރުގެ ޒުވާނުންގެ ދުވަސް އިއްޔެ ފާހަގަކޮށްފައި ވާއިރު، މި އަހަރުގެ ޝިއާރަކީ "ޖީލްތަކުގެ މެދުގައި އެއްބައިވަންތަކަން" އެވެ. ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 12 ވަނަ ދުވަހެވެ.