އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް "ސެޓަނިކް ވާސަސް" ގެ ނަމުގައި ފޮތް ލިޔުނު ސަލްމާން ރުޝްދީ ގަޔަށް ވަޅި ހެރި ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން އެއް ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހަބަރުތައް ބުނެފިއެވެ.

އޭނާ އަށް ހަމަލާ ދިނީ، ޝަލްމާން ރުޝްދީ ގޮތަށް ނުރައްކަލާ ކުރިމަތިވެފައި ވާ ލިޔުންތެރިންނަށް ރައްކާތެރިކަން ދޭ އެމެެރިކާގެ އެންޖީއޯއަކުން ބޭއްވި ބައްދަލުވުުގައި ވާހަކަ ދައްކަން ސްޓޭޖް މަތީގައި އިންދައެވެ.

އިއްޔެ ނިއުޔޯކުގައި އޮތް ބައްދަލުވުމެއްގައި ރުޝްދީ ސްޓޭޖް މަތީގައި އިންދާ، މީހަކު އަރާ ދިން ހަމަލާގައި ރުޝްދީގެ ކަރަށާއި، ބަނޑަށް ވަޅި ހަރާފައި ވާކަމަށް ހަބަރުތައް ބުނެއެވެ. ރުޝްދީގެ ބްކް އެޖެންޓް (ރުޝްދީގެ ފޮތްތަކާ ބެހޭ އެޖެންޓް) ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރުޝްދީގެ ހާލު ރަނގަޅު ނޫން ކަމަށާއި، ބަނޑަށް ދިން ހަމަލާގައި ލިވާ (ޗިސްމޭ) ހަކާލުވެފައި ވާ ކަމަށާއި އަތުގެ ނާރެއްވެސް ބުރިވެފައި ވާ ކަމަށެވެ.

އުރުމުން މިހާރު 75 އަހަރު ވެފައި ވާ ރުޝްދީ އަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސިއެކެވެ. އޭނާ އަތުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުކަން އޮވެއެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އެސޯސިއޭޓް ޕްރެސް އިން ބުނެފައި ވަނީ ހަމަލާ ދިން މީހާ ހުއްޓުވުނީ ރިޝްދީގެ ގަޔަށް އަށެއްކަ ފަހަރު ވަޅި ހެރި ފަހުން ކަމަށެެވެ.

ނަމަވެސް ފުލުހުން ބުނެފައި ވަނީ، ގައުމުވެސް އެއް ފަހަރު ކަރަށް އަދި ބަނޑަށް ވަޅިހަރާފައި ހުރި ކަމަށެވެ.

ރުޝްދި ގަޔަށް ވަޅިހެރި އުމުރުން 24 އަހަރުގެ ޒުވާނާ ހައްޔަރު ކޮށްފައި ވާއިރު، ރުޝްދީ އަކީ ރަސޫލާއާއި އިސްލާމް ދީނަށް ތައުހީނުކޮށް ފޮތް ލިޔުނު މައްސަލައިގައި އޭނާ މަރާލަ ދޭ މީހަކަށް 3 މިލިއަން ޑޮލަރު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ހުމައިނީ ހުށަހަޅުެއްވާފައި ހުރި މީހެކެވެ.