ދިވެހި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) އާއި އިތުރު އަންހެނެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް އިއްޔެ ހުކުމްކޮށްފިއެވެ.

މަލްގެ އިތުރުން ފާތިމަތު ރިފްގާގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވަނީ މީގެ ތިން އަހަރު ކުރިން 27 އޮގަސްޓުގައި އެ ދެ މީހުން އދ. މާމިގގިއްޔަށް ދިޔަ ލޯންޗަކުން އެ ރަށަށް ގޮސް، އެ ރަށުގެ އުތުރު ބަނދަރު ސަރަހައްދުގައި ތިއްބައި ފުލުހުން އެތަނަށް ގޮސް، ދެ މީހުންގެ އަންނައުނު ހުރި ދަބަހެއްގެ ތެރެއިން ފެނުނު ސިނގިރޭޓު ފޮއްޓެއްގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅެއްގައި 15.79 ގްރާމްގެ ޑައިމޯފިން ފެނުމުންނެވެ.

ނަމަވެސް ދެ މީހުން ވެސް ދައުވާ އަށް އިންކާރު ކުރިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނީ، މަސްތުވާތަކެތި ފެނުނު ދަބަސް ރިފްގާ އާއި މަލް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށް ހެކިން ބުނާ ކަމަށާއި، މަސްތުވާތަކެތި ފެނުނު ސިނގިރޭޓު ފޮށީގެ ތެރެއިން ދެ މީހުންގެ ފިންގާޕްރިންޓް ފެނިފައިނުވާއިރު، އަދި ދަބަހުން އެ މީހުންގެ އަންނައުނު ފަދަ އެއްޗެއް ފެނުނު ކަމަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްގައިވާ ގޮތުން:

  • ދަބަސް ތަޅުނުލާތީ އެ ދަބަހަށް ވާސިލްވުމަށް އެހެން މީހުންނަށް ފުރުސަތު އެބައޮތް
  • އެހެންވެ ދައުވާ ލިބޭ ދެ މީހުންނާއި މަސްތުވާތަކެއްޗާ ގުޅުވޭނެ އިތުރު ހެއްކެއް ނެތް

އެހެންކަމުން، އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާ ކަމަށް ގާޒީ ކުރެއްވި ހުކުމްގައިވެއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، ދެ މީހުން ބޮޑު އަދަދަކުން ޖޫރިމަނާކުރެވި، ދެ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގެ އިތުރުން، ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު މަލް ހައްޔަރުކުރިއެވެ. އެ މައްސަލައިގައި އޭނާގެ ކުޑަކަމުދާ ތަކެތި ދޭން އިންކާރުކުރުމުން، ޕީޖީން އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.