ފެންވަރު ރަނގަޅުކުރުމަށް ފަހު، އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް އަލުން ހުޅުވައިފިއެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އުރީދޫން އަޕްގްރޭޑްކޮށްފައިވާ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވައިދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ.

އުރީދޫން ބުނީ ކްލަބް ޕްރިމިއާ ލައުންޖަށް ގެނެވުނު އަޕްގްރޭޑްގެ ސަބަބުން، އެ ކުންފުނީގެ ޕްރިމިއާ ކަސްޓަމަރުންނަށް ހިތްގައިމު މާހައުލެއްގައި، އެ ކަސްޓަމަރެއްގެ ބޭނުންތަކާ އެއްގޮތައް ފަރުމާ ކުރެވިފައިވާ ހިދުމަތްތަކާ އެކު ހިތްހަމަޖެހޭ ތަޖުރިބާ އެއް ލިބިގެން ދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، ކްލަބް ޕްރިމިއާ ލައުންޖުގެ ސަބަބުން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންގެ ތަޖުރިބާ އަށް ކުރިއެރުންތައް ލިބިގެން ދާނެ ކަމަށެވެ. އަދި އުރީދޫގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބުމަށް އެދިވަޑައިގެންފައެވެ.

"މި ލައުންޖުގެ ހިތްގައިމު މާހައުލާއި އަދި ހިދުމަތްތަކުގެ ސަބަބުން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންގެ ތަޖުރިބާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަން ޔަގީން."

އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވައިދެއްވުމަށް ފަހު ޝައުނާ ވާހަކަ ދައްކަވަނީ / ފޮޓޯ: އުރީދޫ

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް-ހަމަދީ ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ އަށް ބޮޑެތި ބަދަލުތައް ގެނެސް، އިތުރު ހަރުފަތަކަށް އެ ކުންފުނީގެ ހިދުމަތްތައް ގެންދިއުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންގެ ތަޖުރިބާ އަށް އިންޤިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ކަސްޓަމާ އެކްސްޕީރިއަންސް އިތުރު ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެންގެ ޓީމުން އޮތީ ވަރުގަދަ އަޒުމެއްގައި."

އުރީދޫގެ ކްލަބް ޕްރިމިއާ ލައުންޖް ހުޅުވައިދެއްވުމަށް ފަހު އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ވާހަކަ ދައްކަވަނީ / ފޮޓޯ: އުރީދޫ

ހ.މާދޫ ގައި ހުންނަ އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 އިން ރޭގަނޑު 10 އަށް ހިދުމަތް ދެއެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުންދޭ ހިދުމަތްތަކުގެ އިތުރުން، އުރީދޫ ކްލަބް ޕްރިމިއާ ލައުންޖުން ދޭ ހިދުމަތްތައް:

  • ފަހުގެ ބްރޭންޑްތަކާއި ޕާޓްނަރުންގެ ހާއްސަ ޑިސްކައުންޓްތައް، އެގޮތުން ނަދާ ސެލޫން، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާން ފަދަ ތަންތަނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ
  • ސްމާޓް އެކްސެސް މެދުވެރިކޮށް، މެމްބަޝިޕް ކާޑު ބޭނުންކޮށްގެން ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވޭ
  • ލައުންޖަށް ވަނުމާ އެކު، ހިތްގައިމު މާހައުލެއްގައި ކަސްޓަމަރުންނަށް ހިދުމަތްތައް ފަސޭހަކަމާ އެކު ހޯދޭނެ
  • ޑިޖިޓަލް ފޯމު މެދުވެރިކޮށް، އުރީދޫގެ ހިދުމަތްތައް ފަސޭހަކަމާ އެކު ހިޔާރު ކުރެވޭނެ

އޭގެ އިތުރުން، ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް އެއާޕޯޓް ލައުންޖް އެކްސެސް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމަށްވާ ޕްރައޯރިޓީ ޕާސްގެ މެމްބަރަކަށް ވުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށް، އުރީދޫން ބުނެއެވެ.