މިދިޔަ ހޮނިހިރު ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލި، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފިއެވެ.
ފުލުހުން މީގެ ކުރިން ބުނީ، ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފޮނުވާ ގައުމާއި ތާރީހު ހާމަކުރާނެ ކަމަށް ވެސް ބުންޏެވެ.
މީޑިއާ އާ ފަހުން ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދުގެ ވަގުތެއްގައި ބޭރުގެ ގައުމަކަށް ފޮނުވާލައިފިކަމަށެވެ. ނަމަވެސް ފުލުހުން އެއީ ކޮން ގައުމެއްކަން ހާމަ ނުކުރި ނަމަވެސް އެއީ އިންޑިއާ ކަމަށް ވަނީ އެނގިފައެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަން ފުލުހުން ހާމަކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ފުލުހުން ވަނީ ޕޯސްޓްމޯޓަމްގެ ނަތީޖާ ނުލިބެނީސް އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވިގެން ހައްޔަރު ކުރި 22 އަހަރުގެ އަލީ ޝާހިލް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ. ޝާހިލަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި، މީގެ ކުރިން ޝިއާއު އަށް ގެވެށި އަނިޔާ ކޮށްގެން މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ނެތް ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.
ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހައްޔަރުކުރި އިރު އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ.