އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓަށް ވަދެ ވައްކަންކޮށްފިއެވެ.

މިކަމާ ގުޅިގެން " ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓަށް ބަޔަކު ވަދެފައިވާ ކަމަށާއި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްއިން ވައްކަންކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 8:08 ހާއިރު ފުލުހަށް ހުށައަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ހިމެނެނީ ދެ ފުޅި ސެންޓާއި ވަޔާލެސް ސްޕީކަރަކާއި ކޮފީ މެޝެނެއްގެ އިތުރުން ކޮފީ ކެޕްސޫލްތަކެއް ހިމެނޭ ކަމަށެވެ.

އިއްޔެ ބަޔަކު ވަނީ މީރާގެ އޮފީހަށް ވަދެ ވައްކަންވެސްކޮށްފައެވެ. އަދި މީގެ ކުރިންވެސް ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތަކުން ވައްކަން ކޮށްފައިވެއެވެ. އެގޮތުން ތަފާތު އެތައް ފަހަރެއްގެ މަތިން މިފްކޯ ގެ އޮފީސް ފަޅާލާފައިވާއިރު އާރުޑީސީންވެސް އެތައް ފަހަރަކު ވަނީ ވައްކަން ކޮށްފައިވެއެވެ.